ވެމްކޯގެ މުވައްޒަފަކު ކުނި ކޮތަޅުތަކެއް ވެހިކަށް އަރުވަނީ
ވެމްކޯގެ މުވައްޒަފަކު ކުނި ކޮތަޅުތަކެއް ވެހިކަށް އަރުވަނީ
މިހާރަށްވުރެ ބޮޑަށް ކުނިއަޅާ ކޮތަޅުތައް ބަންދުކޮށްދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކުނި ނެގުމަކީ ޒަރޫރީ އާންމު ޚިދުމަތަކަށް ވުމުން، ކޯވިޑް-19ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ މި ހައްސާސް ދަނޑިވަޅުގައިވެސް އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ގަސްތުކޮށްފައި ނުވާކަމަށެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން އާންމު ކޮށްފައިވާ "މުނިސިޕަލް ވޭސްޓް މެނޭޖްމަންޓް ޕްލޭން" ގައިވާ ކަންކަމަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުން އިތުރަށް ސަމާލުކަން ދިނުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުނި ބަންދުކުރާއިރު ކުނިއަޅާފައިވާ ކޮތަޅު އިތުރުކޮތަޅަކަށްލައި ބަންދުކުރުމަށް ސަމާލުކަންދިނުމަށާއި، ކުނި ބަންދުކުރުމުގައި ލީކުވާ ކަހަލަ އެއްޗެއް ހުރިނަމަ، އެފަދަ އެއްޗެއް ލީކް ނުވާނެފަދަ ގޮތަކަށް ކޮތަޅު ބަންދުކުރުމަށް ސަމާލުކަންދިނުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރިހަފަދަ ތަކެތި ކުނި ކޮތަޅަށް ނޭޅުމަށާއި، ކުނި ކޮތަޅަށް އެކަށީގެންވާ ވަރަށްވުރެ ގިނައިން ކުނިނޭޅުމަށް ސަމާލުކަންދިނުންމަށްވެސް އެކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.

ކޮތަޅުގައި ކުނި ބަންދުކުރާއިރު، އެންމެ ރަނގަޅު މިންވަރަކީ ކޮތަޅުގެ ތިންބައިކުޅަ ދެބައަށް ކުނިއެޅުން ކަމަށްވާތީ އެކަމަށް ސަމާލުވުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ދިރިއުޅޭ ގޭބިސީއެއްނަމަ މިކަންކަމުގެ އިތުރުން، ކުނި ކޮތަޅު ގޭބިސީގެ ބޭރުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވެމްކޯގެ ބަޔާނުގައި އެދިފައިވެއެވެ.

ވެމްކޯ އިން ދުވާލެއްގެ މައްޗަށް ހަތާވީސް ހާހަށްވުރެ ގިނަ ގޭބިސީތަކުން ކުނި އުކައިދިނުމުގެ ޚިދުމަތް ދެމުން ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން