މަރިޔަމް ލަމްޙާ ރަޝީދު   16 ޖުލައި 2023 - 14:33
ރަނގަޅު މޫޑެއްގައި ހުންނަނަމަ ކަންކަމާދޭތެރޭ އަބަދުވެސް ފައްސި ގޮތް ވިސްނި، ކަންކަމާ ފަސޭހައިން ކުރިމަތި ލެވެއެވެ. އަދި މުޢާމަލާތު ކުރުމުގައިވެސް މީހުންނަށް ބަލައިގަނެވޭފަދަ ގޮތަކަށް ތިމާއަށް ވާހަކަ ދެކެވެއެވެ. މިއާއި ޚިލާފަށް މޫޑު ގޯސްވާ ވަގުތުތަކުގައި އެއްވެސް ކަމެއް ރަނގަޅަށް ނުދާކަމުގެ އިހުސާސްކުރެވި ދިރިއުޅުމާމެދު ދެކެވޭގޮތް ނައްސިވެއެވެ. ބައެއްފަހަރު އަބަދު މޫޑު ގޯސްވަނީ ތިބާގެ ގައިގައި އަށަގެންފައި ހުރި ނޭދެވޭ އާދަތަކެއްގެ ސަބަބުންނެވެ. އެހެންކަމާއެކު މޫޑު ގޯސްކުރުވާ އާދަތައް ދެނެގަނެ އެކަން އިސްލާހު ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން މިހާހިސާބުން މިބަލާލަނީ އެފަދަ ނޭދެވޭ ބައެއް އާދަތަކަށެވެ.

1. ތައްޔާރީ ކާނާއާއި ފާސްޓް ފުޑް ކެއުން؛

ކާތަކެއްޗަކީ މީހާގެ މޫޑަށް އަސަރު ކުރުވާ އެއްޗެއްކަން ގިނަމީހުންނަށް ނުވިސްނިދާނެއެވެ. އެހެންނަމަވެސް ކާތަކެތީގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުވައެވެ. ދިރާސާތަކުން ދައްކާގޮތުގައި ރަނގަޅު ކާނާ ކެއުމުން ޑިޕްރެޝަންއިން މީހާ ދުރުކޮށްދެއެވެ. އެހެންކަމުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގެ ބަދަލުގައި ތައްޔާރީ ކާނާއާއި ފާސްޓުފުޑް ކާނަމަ މީހާގެ މިޒާޖާއި މޫޑަށް އަސަރުކުރެއެވެ. ވީމާ، ތަރުކާރީއާއި މޭވާ އަދި ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ލިއްބައިދެނިވި ކާނާ ކެއުމަކީ ހަށިގަނޑަށް ވަރު ޖައްސައިދޭ މީހާގެ ވަރުބަލިކަން ފިލުވައި މޫޑު ރަނގަޅުކޮށްދޭނެ ކަމެކެވެ.

2. ގެއްލުންދެނިވި 'ޓޮކްސިކް' މީހުންނާއިއެކުގައި ވަގުތު ހޭދަކުރުން؛

ތިބާއާއިއެކުގައި އުޅޭ މީހުންގެ ފަރާތުން އަންނަ ކޮމެންޓުތަކާއި ވާހަކަ ހުންނަ ގޮތުގެ ސަބަބުންވެސް މޫޑަށް އަސަރު ކުރުވައެވެ. އަބަދުހެން ތިބާ ކުރާ ކަންކަމަށް ފާޑުކިޔައި ނުވާނެޔޭ ބުނާނަމަ ތިބާ ހުންނާނީ މުޅި ދުވަހު އެވިސްނުމުގައެވެ. އަދި ކަންކަމަށް ދޭންވާ މިންވަރަށް ސަމާލުކަން ނުދެވި ރުޅިގަދަ ވެފައެވެ. އެހެންކަމުން ތިބާގެ ވަށައިގެން ގެންގުޅޭ މީހުންނަކީ ތިބާއަށް ހިއްވަރުދޭ ތިބާ ކުރާކަންކަމުގައި އެހީތެރިވެދޭ ބައެއް ކަމުގައި ހެދުމަކީ މުހިންމުކަމެކެވެ. އަދި ޓޮކްސިކް ތިބާއަށް ގެއްލުންދޭ ބަސްތައް ބުނާމީހުންނާއި ދުރުވެލުމަކީވެސް މުހިންމު ކަމެކެވެ.

3. ގުދުރަތީ ރީތިކަމުން ހިތްހަމަ ޖައްސައިލުމަށް ވަގުތު ނުހޯދުން؛

މޫދާއި އަތިރިމައްޗާއި ގަސްތައްގިނަ ސަރަހައްދުތަކުން ސާފު ވައި ލިބި މީހާގެ ސިކުނޑި ތާޒާކޮށްދެއެވެ. އަބަދުހެން ވަޒީފާގައި އުޅެމުން ކޮންމެ ދުވަހަކު އެއް ރޫޓިންއެއްގައި ވަޒީފާއިން ގެއަށް ގެއިން ވަޒީފާއަށް ދާދިއުމަކީ މީހާގެ ސިކުނޑި ހަމައެކަނި މަސައްކަތަށް ސަމާލުކަން ހުސްވާނެ ކަމެކެވެ. މިއީ ސިކުނޑިއަށް ބުރަވެ މީހާގެ މޫޑު ގޯސްވެފައި އަބަދު ހުރުމަށް ދިމާވެދާނެވެސް ކަމެކެވެ. އެހެންކަމުން ދޭތެރެއަކުން ހުސްވަގުތުކޮޅެއް ހޯދައި ޤުދުރަތީ ރީތި މަންޒިލަތުން ސިކުނޑިއަށް ހަމަޖެހުން ހޯދައިދޭށެވެ.

4. އަބަދު ސޯޝަލް މީޑިއާ ބޭނުންކުރުން؛

އަބަދުހެން ފޯނުން ސޯޝަލް މީޑިއާ ސްކްރޯލްކޮށްލަ ކޮށްލާ ތިހެން ހުރުމުން ސިކުނޑިއަށް ފަސޭހަވާކަމަށް ހީވެދާނެއެވެ. އެހެންނަމަވެސް ތިޔަހެން ހެދުމުން ސިކުނޑިއަށް އެއްފަހަރާ ގިނަ މައުލޫމާތުތަކެއް ޕްރޮސެސްކުރުމަށް ދެވި ސިކުނޑި ވަރަށް ބޮޑަށް ސްޓްރެސްކޮށްލައެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރަމުން އެހެން ކަންކަމަށް ވަގުތުދެމުން އެކަންކަންވެސް ކުރަމުން ގެންދިއުމުން ސިކުނޑި އަވަހަށް ވަރުބަލިވެ މީހާވެސް ވަރުބަލިވެ މޫޑު ގޯސްވެއެވެ. ވީމާ ސޯޝަލް މީޑިއާ ގެންގުޅުމުގައިވެސް ކޮންމެވެސް ކަހަލަ ހައްދެއް އުސޫލުތަކެއް ކަނޑައަޅާށެވެ. އަދި އަބަދު ސޯޝަލް މީޑިއާ ބޭނުން ނުކުރާށެވެ.

5. އެކަނި މާގިނައިން ވަގުތު ހޭދަކުރުން؛

ބައެއްފަހަރު މީހުންނާއި އެކަހެރިވެ އުޅެން ބޭނުންވެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އަބަދުހެން އެކަނި ހުރުމަށް ލޯބިކުރާނަމަ ޑިޕްރެޝަންއަށް މަގުފަހިވެއެވެ. އެހެންކަމުން ރަނގަޅު އެކުވެރިންތަކެއް ހޯދައި އެމީހުންނާއިއެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެކެވެ.

6. ރޭގަނޑު ނުނިދުން؛

ރޭގަނޑުގެ ނިންޖަކީ މީހާ އަނެއްދުހުގެ މަސައްކަތަށް ތައްޔާރުވުމަށް ސިކުނޑިއާއި ހަށިގަނޑަށް ބޭނުންވާ އަރާމު ލިއްބައިދެނިވި ކަމެކެވެ. ރަނގަޅަށް ނުނިދާނަމަ، ނުވަތަ މާލަހުން ނިދަން އެނދަށް އަރާނަމަ، ނައްސިވިސްނުންތަކުން މީހާގެ ސިކުނޑިއަށް ބުރަވެދާނެއެވެ. އަވަހަށް ނިދައި އަވަހަށް ހޭލުމަކީ މިފަދަ ވިސްނުންތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ނިދުމަށާއި ހޭލުމަށް ވަކި ގަޑިއެއް ކަނޑައަޅައި އެގޮތުގައި ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން