އިސްލާމް ދީނުގައި، ކައިވެނި ނުކޮށް ރައްޓެހިވެގެން އުޅުމުގެ ޘަޤާފަތެއް ނޯވެއެވެ. އަދި ދީނީ ގޮތުން ބަލާއިރު އެންމެ ރަނގަޅީ އަވަހަށް ކައިވެނި ކުރުންވެސް މެއެވެ. އެހެން ނަމަވެސް، ހުޅަނގުގެ ގޮތްތައް ދިވެހިންގެ ޘަޤާފަތަށް ވަދެގަނެ މިހާރުގެ ކުދިން ކައިވެންޏާއި ހަމައަށް ދަނީ ހަތަރު ފަސްއަހަރު ރައްޓެހިވެގެން އުޅުމަށްފަހުގައެވެ.

މިހާ މުއްދަތުގައި އެކުގައި އުޅުމަށްފަހުވެސް ބައެއް މީހުން ރައްޓެހިވެގެން އުޅޭ ދެމީހުންކުރެ އެކަކު ކައިވެނީގެ ވާހަކަ ދައްކައިފިނަމަ އެކަމުން ރެކެން ބަހަނާތައް ދައްކަން ފަށައެވެ. އެގޮތަށް ބަހަނާ ދައްކާނަމަ ތިބާގެ ދިރިއުޅުމުން މުހިންމު އަހަރުތަކެއް ފާފަކުރުންމަތީ ދުއްވާނުލައި އަވަހަށް ތިގުޅުމުން ދުރުވާށެވެ.

ތިރީގައި މިވަނީ ރައްޓެހިވެގެން އުޅޭ ކުއްޖާ ތިބާއާއި ކައިވެނި ކުރުމަށް ބޭނުންނުވާކަމުގެ ބައެއް ސިގުނަލެވެ.

1. ކައިވެންޏާގުޅޭގޮތުން މަޝްވަރާ ނުކުރުން؛

ތިބާއަށް އޭނާ ފެނިގެންދާނީ ހުރިހާކަމެއް ވަރިހަމަ، އަދި މާބޮޑަށް ކަންކަމާއި ސީރިއަސް ނުވާ މީހެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް ކައިވެނި ކުރުމުގެ ވާހަކަ ދައްކައިފިނަމަ ވަގުތުން މައުޟޫޢު ބަދަލުކޮށްލައި ކޮންމެވެސް އެހެންވާހަކައެއް ދައްކަންފަށާނެއެވެ. އެހެންނޫންނަމަ އެވަގުތު ދާންޖެހިެްޖެކަމަށް ބުނެ ހިނގައިދާނެއެވެ. ވިސްނާށެވެ. ތިމާއާއި ކައިވެނި ކުރުމުގެ ޕްލޭންއެއް އޮތް މީހެއްނަމަ ކައިވެނީގެ ވާހަކަ ދައްކާނެއެވެ. ކައިވެނިން ބޭރުގައި އުފާ ހޯދުމަށް އެކަކު އަނެކަކަށް 'ފްލާޓް' ކުރުމާއި ހިތްހަމަ ޖައްސައިދިނުން ފަދަ ކަންކަމަށް، ކައިވެނި ކުރަން ބޭނުން ނުވާ ފިރިހެނުންގެ ޝައުޤުވެރިކަން ހުންނާނެއެވެ. އެއާޚިލާފަށް ކައިވެނި ކުރަން ބޭނުންވެގެންއުޅޭ މީހެއްނަމަ އެކަމަށް ބައިވެރިޔާއެކީ ޕްލޭންކުރާނެއެވެ. އަދި ކައިވެނީގެ ބޭރުން ޖިންސީ ގުޅުމެއް ބާއްވަން ހިތަށްވެސް ނުގެންނާނެއެވެ.



2. އާއިލާ މީހުންނަށް ތިބާ ތަޢާރަފް ކޮށްނުދިނުން؛

ރައްޓެހިވެގެން އުޅޭތާ ކިތައް ދުވަސް ވެއްޖެހެއްޔެވެ؟ ދެން އޭނާގެ މައިންބަފައންނާއި ޢާއިލާ މީހުންނަށް ތިބާ ތިއީ އިންނަން އުޅޭ ކުއްޖާކަން އަންގައި އެމީހުންނަށް ތިބާ ތަޢާރަފްކޮށްދިންތޯ ސުވާލުކޮށްލާށެވެ. މިސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނަން ޖެހޭނަމަ އެކަމާ ވިސްނާލާށެވެ. އާއިލާ މީހުންނަށް ތަޢާރަފްކޮށް ދިނުމަށްފަހު ތިބާ އޭނާގެ ދިރިއުޅުމުން ނަގާ ދުރަށްލާން އޭނާއަށް އުނދަގޫވާނެއެވެ. އެހެންކަމުން ރައްޓެހިވެގެން އުޅޭތާ އެތައްދުވަހެއް ފާއިތުވެގެން ދިޔައިރު ބައިވެރިޔާ އާއިލާ މީހުންނަށް ތިބާ ތަޢާރަފް ކޮށްނުދޭންވެގެން އުޅެނީ ތިބާއާއި ކައިވެނި ކުރުމުގެ ވިސްނުން ނެތީމައެވެ.



3. ތިބާގެ އާއިލާއާއި ރައްޓެހިންނަކީ މުހިންމު ބައެއް ކަމުގައި ނުދެކުން؛

ތިބާގެ އާއިލާއާއި ރައްޓެހިންނާއި ބައްދަލުކުރުމާއި ވާހަކަ ދެއްކުމަކީ އެހައި މުހިންމު ކަމެއް ކަމުގައި މިފަދަ ފިރިހެނުން ނުދެކޭނެއެވެ. ތިބާއަކީ ކައިވެނި ކުރަން އެކަށީގެންވާ އޭނާ އެދޭފަދަ މީހެއް ކަމުގައި އޭނާ ނުދެކޭނަމަ ރައްޓެހިވެގެން އޭނާ ކިތަންމެ ޒަމާނެއް ތިބާގެ ދިރިއުޅުމުން ދުވަސްތައް ބޭކާރުކޮށްލިނަމަވެސް، އާއިލާއާއި ގުޅުން ބަދަހި ކުރުމަށް ނުވިސްނާނެއެވެ. ސަބަބަކީ ގުޅުން ކަނޑާލާފައި ތިބާއާއި ވަކިވާ ދުވަހު، ކުރިމަތިލާނެ އިތުރު ބަޔަކު ނުތިބޭނެތީއެވެ.



4. ކައިވެނި ނުކުރަން ބަހަނާދެއްކުން؛

"ކެތްތެރިވެބަލަ، ވަގުތު އެބައޮތެއްނު"، "ދެމީހުން ރަނގަޅަށް ދަސްވެލަންދެން މަޑުކޮށްބަލަ" "އަންނަ އަހަރު ކުރާނީ" ކައިވެނި ކުރުމާއިބެހޭގޮތުން ވާހަކަ ދައްކަން ފަށާއިރަށް ކޮންމެ ފަހަރަކު ތިބާއަށް މިފަދަ ރައްދުތައް ލިބޭނަމަ ސަމާލުވާށެވެ. ކައިވެނި ކުރަން އެދޭ ފިރިހެނެއް ނަމަ އެކަން ކުރުމަށް ބަހަނާ ނުދައްކާނެއެވެ. އަދި ކައިވެންޏާ ގުޅޭގޮތުން އިސްވެ ވާހަކަ ދައްކަން ފަށާނީވެސް ފިރިހެންމިހާއެވެ. ކައިވެނި ކުރުމަށް ދަތިތަކެއް ހުރިނަމަ އެކަން ހައްލު ކުރުމަށް އޭނާ ތިބާޔާއެކު މަޝްވަރާކޮށް ކައިވެނީގެ ކަންކަން ދުރާލާ ތައްޔަރުވުމަށް މަސައްކަތް ކުރާނެއެވެ. ހަދާނެއެވެ. ހަމަ ހުސް ބަހަނާ ދައްކާނަމަ، އެއީ ކައިވެނި ކުރަން ބޭނުން ނުވާ ފިރިހެނުން، އަންހެން ކުދިންނަށް އޮޅުވާލައި، ކައިވެނީގެ ޒިންމާނުނަގައި ތިޔަހެން ތިބާ ގެންގުޅުމަށް ދައްކާ ބަހަނާތަކެކެވެ.

5. އޭނާގެ ހިތުގެ އުދާސްތައް ހިއްސާ ނުކުރުން؛

އެކަކު އަނެކެއްދެކެ ހަޤީޤީ ލޯބިވާނަމަ އެކަކު އަނެކެއްގެ އަޅާލުމާއި އޯގާތެރިކަމަށް ބޭނުންވާނެއެވެ. އަދި ހިތުގައި އުފެދިފައި ހުންނަ އުދާސްތައް ބޭރުކޮށްލައި އަނެކާގެ ފަރާތުން ހިތްހަމަޖެހުން ހޯދަން ބޭނުންވާނެއެވެ. އެހެންކަމުން ކައިވެންޏެއް ކުރަން އޭނާ ޤަސްދުކުރާ އަންހެނަކީ އޭނާއަށް މިގޮތަށް އިތުބާރުކުރެވޭ އަންހެނެއްކަމުގައި ވާން ވާނެއެވެ. ތިބާއަށް އޭނާގެ ހިތް ބަންޑުންކޮށްނުލާނަމަ ތިބާތިއީ އޭނާ ބޭނުންވާ ފަދަ އަންހެނަކު ލިބެންދެން ކައިރީގައި ގެންގުޅޭ 'ޓައިމް ޕާސް'އެކެވެ. މިލައްގަނޑު ޖެހެން ބޭނުންނުވާނަމަ ރީއްޗަށް އޭނާގެ ކައިރިން ދުރުވެލުމަކީ ތިބާއަށް އެންމެ ރަނގަޅު ގޮތެވެ.

6. ތިބާއަށް މުހިންމު ކަންކަން އޭނާއަށް އެހައި ބޮޑުކަމަކަށް ނުވުން؛

ތިބާގެ މުސްތަޤުބަލުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ، ހާސިލް ކުރަންބޭނުންވާ ފޮނި އުއްމީދުތައް އޭނާއަށް މުހިންމުހެއްޔެވެ؟ ތިބާއާއިމެދު ސީރިއަސް މީހެއްނަމަ، ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ތިބާއަށް އެއްބާރުލުން ދޭނެއެވެ. ތިބާ އޭނާއަށް އެހައި މުހިންމު ނުވާނަމަ އަދި އެކުގައި ދިރިއުޅުމެއް ބޭނުން ނުވާނަމަ، އޭނާގެ މުސްތަޤުބަލުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިއްސާނުކުރާނެއެވެ. އަދި އޭނާގެ އަމިއްލަ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތް ކުރާއިރު އޭގައި ތިބާ ހިއްސާއެއްވެސް ނުކުރާނެއެވެ.

7. ކުއްލިޔަކަށް ތިބާއާއިއެކު ބޭރަށް ދިއުން ހުއްޓާލުން؛

ރައްޓެހިވެގެން އުޅޭއިރު އެކުގައި ރެސްޓޯރެންޓްތަކަށް ގޮސް ކައިހެދުމަކީ އާއްމުކަމެކެވެ. މިހެން ގޮސް ގިނަ ވާހަކަތަކެއް ދައްކައި މަޝްވަރާ ކުރަން ފުރުޞަތުވެސް ލިބެއެވެ. ކުރީގައި މިގޮތަށް އެކުގައި ވަގުތު ހޭދަކޮށްފައި ކުއްލިޔަކަށް އޭނާ ބަދަލުވެއްޖެނަމަ، އެއީ ތިބާއާއި ދުރުވެލަން އޭނާ މަސައްކަތް ކުރާކަމުގެ ހެއްކެކެވެ. އަދި މަޑުމަޑުން ތިބާއާއި ދުރަށްދާން ބޭނުންވާކަމުގެ ހެއްކެއްވެސް މެއެވެ.

8. ކަންކަމުގައި ގޮތް ނިންމުމަށް އޭނާއަށް އުނދަގޫވުން؛

ބައެއް ފިރިހެނުންނަކީ ކަންކަމުގައި ގޮތް ނިންމުމަށް އުނދަގޫވާ ބައެކެވެ. އެހެންނަމަވެސް ކުދި ކުދި ކަންކަމުގައި ގޮތް ނިންމަން ނޭނގުމަކީ ތިބާއާއިއެކު ދިރިއުޅުމެއް ބޭނުން ނުވާކަމުގެ ހެއްކެކެވެ. ދިރިއުޅުމަށް ކަމުނުދާ މީހަކާއިއެކު ވަގުތުތަކެއް ހޭދަ ކުރިނަމަވެސް މުސްތަޤުބަލަށް އަސަރުކުރާފަދަ ކަންކަން ތިބާއާއިއެކު ނިންމުމަށް ފަސްޖެހެނީ އެހެންވެގެންނެވެ. ތިބާއާއިމެދު އޭނާއަށް ޔަގީންކަމެއް ނެތީމައެވެ. އަދި ކައިވެނި ކުރަން އޭނާ ބޭނުންނުވާތީއެވެ.

9. ތިބާއަކީ 'އޮޕްޝަން' އެއްގެ ގޮތުގައި ބޭނުންކުރުން؛

އޮފީހުން ގެއަށް އައިސް ރައްޓެހިންނާއިއެކު ކަމެއް ނެތީވިއްޔާ އެވީ ތިބާއަށް ގުޅާށެވެ. އޭނާގެ ކަމެއް އޮތިއްޔާ އެކަމެއް ކެންސަލް ކޮށްފައި ތިބާއަށް ވަގުތެއް ނުދޭނެއެވެ. އެއީ ތިބާ އޭނާއަށް ބޭނުންވެފައި ހުންނަ ހާލަތެއް ކަމުގައި ވީނަމަވެސްމެއެވެ. ތިބާގެ އިހުސާސްތަކަށް އިޙްތިރާމް ނުކުރާ މިފަދަ މީހަކު، ކޮންމެވެސް ދުވަހަކު ތިބާއާއި ކައިވެނި ކުރާނެ ކަމުގެ އުއްމީދު ހިތުލައިގެން ތިޔަހެން ވަގުތު ބޭކާރު ނުކުރާށެވެ. އެފަދަ މީހުންނާއި ކައިވެނި ކުރިޔަސް ތިބާއަށް އުފަލެއް ނުލިބޭނެއެވެ.



10. މުސްތަޤުބަލުގެ ވާހަކަ ނުދެއްކުން؛

ލޯބިން ގުޅޭ ދެމީހެއްނަމަ މުސްތަޤުބަލުގެ ފޮނި އުއްމީދުތަކެއްގެ ވާހަކަ ދައްކާނެއެވެ. ދެމީހުން ކައިވެނިކޮށްގެން އުޅޭނެ ތަނަކާއި ، ކައިވެނީގެ ޕްލޭން ތަކާއި، އާއިލާ ޕްލޭން ކުރުމާއި މިފަދަ އުފާވެރި އުއްމީދުތައް އެކަކު އަނެކަކަށް ހިއްސާކުރާނެއެވެ. މިކަންކަމާއި ގުޅޭގޮތުން ތިބާ ވާހަކަ ދައްކާނަމަ އޭނާއަށް އުނދަގޫވެ ރުޅި އަންނަނަމަ ތިބާއަކީ އޭނާގެ ހުވަފެނުގެ ރާނީ ކަމުގައި ނުވެދާނެއެވެ. އަދި ކައިވެނި ކުރުމަށް ތިބާއަކީ އޭނާ ބޭނުންވާ މީހާ ކަމުގައި ނުވެދާނެއެވެ.

11. ކައިވެނި ކުރުމަށް އެއްބަސްވިނަމަވެސް ތާރީޚެއް ކަނޑަނޭޅުން؛

ތިބާ ކައިވެނީގެ ވާހަކަ މާގިނައިން ދައްކާނަމަ، ތިބާ އަނގަ ބަންދުކޮށްލަން އެކަމަށް އެއްބަސްވާނެއެވެ. އަދި އަވަހަށް އިންނާނީއޭ ކިޔައި ތިބާ ހައްދާލާނެއެވެ. ނަމަވެސް ކައިވެނި ކުރުމުގެ ވިސްނުން ހުރި މީހެއްނަމަ، ވެޑިން ޕްލޭންކޮށް އާއިލާއި ރައްޓެހިންނާއި މަޝްވަރާކޮށް ކަންކަން ޕްލޭން ކުރާނެއެވެ. ފިރިހެނަކު ކަމަކަށް ކޮމިޓުނުވާނަމަ މިފަދަ ކަންކަން ކަނޑައަޅައި ހިއްސާކުރުމަށް ޖެހިލުންވާނެއެވެ.

މިދެންނެވި ކަންކަން ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާގެ ކިބައިން ފެންނަނަމަ ތިބާ އެކަމާއި ސަމާލުވާށެވެ. ދިރިއުޅުމުން ދުވަސްތަކެއް ބޭކާރު ކޮށްލުމުގެ ބަދަލުގައި އޭނާއާއި ވާހަކަ ދައްކައި އޭނާ ކައިވެނި ކުރަން ބޭނުންނުވާނަމަ އަވަހަށް ދުރުވާށެވެ. ނަމަވެސް ދެންފަހަރަކު ދީނާ ޚިލާފަށް ރައްޓެހިވެގެން ތިޔަހެން ނޫޅުމަށް އަޒުމް ކަނޑައަޅާށެވެ.

ފިރިހެނުންގެ ތެރެއިން މިހެން ކަންތައް ކުރާ މީހުން ލަސްކުރަނީ ފަހަރުގައި މާލީގޮތުން ތަންނުދޭތީ ކަމުގައިވެދާނެއެވެ. އެހެންކަމުން، ޒަވާޖީ ހަޔާތެއް ބިނާކުރުމަށް މީހަކާއި ވާހަކަ ދައްކަންވާނީވެސް ތިބާގައިގައި އެޤާބިލްކަން ހޯދާފައެވެ. އަންހެން ކުއްޖަކާއި ރައްޓެހިވެ އުޅެން ނުޖެހޭ އެތައް ގޮތަކަށް އުޅެމުން ކައިވެނި ކުރާނެ ޤާބިލްކަން މަޑުމަޑުން ހޯދާނީކަމުގެ އުއްމީދުގައި މީހުންނާއި ރައްޓެހި ނުވާށެވެ. އޭރުން ތިބާއަށް ފާފަތަކަށް އަރައިގަނެވިދާނެއެވެ. ތިބާ ކައިވެންޏަށް ތައްޔާރުވެ އެކަމާއި ކުރިމަތިލާނަމަ ތިޔަހެން ގިނަ ދުވަހު ކައިވެނި ނުކޮށް ހުންނާކަށް ނުޖެހޭނެއެވެ. އަދި އޭރުން ކައިވެނީގައި ބަރަކާތްވެސް ލައްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން