ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން މުޅި އިންސާނީ އުއްމަތުގެ ކަންބޮޑުވުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ ﷲގެ ރަޙްމަތުން އުއްމީދު ކަނޑައި ނުލުމަށް އެކަނލާގެ އަންގަވާފައިވާކަން ކީރިތި ޤުރުއާނުން ޙުއްޖަތް ދައްކާފައެވެ.

އެގޮތުން ދުނިޔަވީ ހަޔާތުގައި އަޅުގަނޑުމެންނަށް ބައްޔެއް ކުރިމަތިވިޔަސް، މުސީބާތެއް ކުރިމަތިވިޔަސް اللهގެ ރަޙުމަތުން އަޅުގަނޑުމެން އުންމީދު ކުރަންޖެހޭކަމަށް ޚުތުބާގައި ވެއެވެ. އަދި އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި މިދަނޑިވަޅުގައި الله ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ގިނަގިނައިން ރުޖޫއަވެ ޝިފާ ދެއްވާ ރަސްކަލާނގެއަކީ އެކަލާނގެ ކަން އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނަގަންޖެހޭކަމަށްވެސް ޚުތުބާގައި ވެއެވެ.

ބަލިވެއްޖެ ކަމުގައިވަނީނަމަ ޝިފާ ދެއްވާފަރާތަކީ الله ސުބުހާނަހޫ ވަތައާލާ ކަމަށް ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވާ ކަމަށާއި، ތިޔަބައިމީހުން الله ގެ ރަޙުމަތުން އުންމީދު ކަނޑާނުލުމަށް ބަޔާންވެގެންވާކަން މިއަދުގެ ޚުތުބާގައި ވަނީ އެންމެހާ މުސްލިމުންނަށް ހަނދާންކޮށްދީފައެވެ.

ބަލިވުމަކީ އޭގެ ސަބަބުން ފާފަތައް ފުހެވިގެންދާ ކަމެއްކަމަށާއި، އޭގެ ސަބަބުން އިންސާނާގެ ދަރަޖަ އުފުލިގެންދާކަމެއްކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ރަސޫލު الله ޞައްލަالله ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި، އިންސާނާގެ ގަޔަށް ހެރޭ ކައްޓަކީ އަދި ނުވަތަ އެޔައްވުރެ ބޮޑު އުދަނގުލެއް އިންސާނާއަށް ކުރިމަތިވުމަކީވެސް އޭގެ ސަބަބުން الله ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ފާފަތަށް ފުއްސަވާދެއްވާ ކަމެއްކަމަށާއި، އަދިހަމަ އެފަދައިން ތިބާގެ ދަރަޖަ މަތިވެރިކޮއްދެއްވާ ކަމެއްކަން ބަޔާންކޮށްދެއްވާފައިވާކަމަށް ބުނެފައިވެއެވެ.

އަދި ބައްޔެއްގެ ސަބަބުން އިންސާނާއަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާ އާންމުކޮށް ކޮށްއުޅޭ ހެޔޮއަމަލު ނުކުރެވުނުކަމުގައިވިޔަސް الله ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް އެހެޔޮ ޢަމަލުގެ ފުރިހަމަ ސަވާބު ދެއްވަވާކަމަށް ވެސް މިއަދުގެ ޚުތުބާގައި އެންމެހާ މީސްތަކުންނަށް ހަނދާންކޮށްދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން