މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް - ފޮޓޯ: ރާއްޖެ އެމްވީ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް - ފޮޓޯ: ރާއްޖެ އެމްވީ
އިއްޔެ ސަރުކާރުން ވަނީ އެތައް އަހަރަކަށްފަހު މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާފައެވެ. މާލޭގެ ބިމުގެ ދަތިކަމާއި މިވަގުތު ގޯތިދެވެން އޮތް ފުރުސަތުތަކަށް ބަލައި މާލެއިން ގޯއްޗަށް ޝަރުޠު ހަމަވާ އެންމެންނަށް ގޯތި ދިނުމަކީ މިވަގުތު އަދި ކުރެވޭނެ ކަމެއް ނޫންކަން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ސަރުކާރުން މިމައްސަލަ ހައްލުކުރައްވަން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ އާދަޔާ ޚިލާފު ހަރުދަނާ ފިޔަވަޅުތަކެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. މިއީ އެންމެ އިންސާރުފެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރުޢުކަން ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

މިފަހަރުވެސް އެންމެބޮޑު މާޔޫސްކަމެއް ލިބުނީ ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެތެރެއިން، ސަރުކާރުން ޢާންމުކުރެއްވި ލިސްޓުގައި ނަން ހިމެނި އެހެންނަމަވެސް ގޯއްޗަށް ޝަރުޠު ހަމަވާ މީހުންނެވެ. އެމީހުން މާޔޫސްވާކަށް ނުޖެހެއެވެ. ސަރުކާރުންވަނީ އެމީހުންނަށްވެސް ގޮތެއް ހޯއްދަވައިދެއްވާފައެވެ. އެއީ ގޯއްޗަށް ޝަރުޠު ހަމަވާ ޢާއިލާގެ އެހެންމީހަކާއެކު އެއްމެދު އުސޫލަކުން ނުވަތަ ޖޮއިންޓުވެގެން އަލުން ހުށަހަޅައިފިނަމަ ގޯތި ލިބޭނެ އުސޫލެވެ. އެހެންކަމުން އެފަދަ މީހުންގެ އެޕްލިކޭޝަން އަލުން ޖޮއިންޓު އެޕްލިކޭޝަނަކަށް ބަދަލުކޮށްލަންވީއެވެ.

މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ މިއުސޫލުން އެމީހެއްގެ އެޕްލިކޭޝަން ބަދަލުކޮށްލައިފިނަމަ، ފުރުސަތު އޮންނާނެކަމަށެވެ. ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މާލެއިން ގޯތި ދޭނެ މީހުން ކަނަޑައަޅައި ނިންމާފައި ވާނީ ވަރަށް ގިނަ ކަންކަން ބެލުމަށް ފަހުކަމަށެވެ.

އާރިފަކީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގެ މަަސައްކަތް ކުރި ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ ގޯތިލިބޭ މީހުން ކަނޑައެޅީ އެމީހުންގެ އާއިލާގައި ބޯހިޔާވެހިކަމުގެ ޙާލަތު ހުރިގޮތާއި ގާތް މީހުންނަށް ލިބެން ހުރި ބޯހިޔާވަހިކަމަކީ ކޮބާތޯވެސް ބެލުމަށްފަހުކަމަށެވެ.

އެތައް ޒަމާނެއްވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބަލާއިރު ގެދޮރު ނެތް މާލޭ މީހުންނާއި ދަތި ޙާލުގައު އުޅޭ މާލޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތުވަރަށް ދަށްކަން އާރިފް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮމިޓީން ކަނަޑައެޅި ގޯތިލިބޭ މީހުންނަކީ މިވަގުތުގެ ޙާލަތަށް ބަލާއިރު އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުން ކަމަށް އާރިފް ވިދާޅުވިއެވެ. އެއީ ވަރަށް ދަތި ޙާލުގައި ވަރަށް ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅުނު މީހުންކަމަށާ، އޭގެސަބަބުން އެމީހުން އެތައް ތަކުލީފެއް އުފުލަމުންދާތާ އެތައް އަހަރެއް ވެފައިވާކަމަށެވެ.

މިމީހުންގެ އިތުރުން މާލެއިން ގޯއްޗަށް ޝަރުޠު ހަމަވެފައި މިފަހަރު ގޯތިލިބޭ މީހުންގެ ލިސްޓުގައި ނުހިމެނުނު މީހުން އެމީހުންގެ އެޕްލިކޭޝަން ޖޮއިންޓް އެޕްލިކޭޝަނަކަށް ބަދަލުކުރުމުގެ ފުރުސަތު މިހާރު އެބައޮތެވެ. މިމަހުގެ 26އިން ފެށިގެން އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް މިފަހަރުގެ ގޯތި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައިވެސް ޖޮއިންޓު އެޕްލިކޭޝަނަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުން ލިބޭ އިތުރު ފައިދާއެއްވެސް އެބައޮތެވެ. އެއީ ޢާންމުކޮށް ލިބޭ ގޯއްޗަށްވުރެ ޖޮއިންޓު އެޕްލިކޭޝަނަށް ލިބޭ ގޯތީގެ ސައިޒު ބޮޑުވުމެވެ.

ގޯތީގެ ބޮޑުމިން ކަނޑައަޅާއިރު، ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރާނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

ޝަރުތު ހަމަވި 19858 މީހުންގެ 10314 މީހަކަށް މިފަހަރު ގޯތި ލިބިފައިވާއިރު، ގޯތި ނުލިބުނަސް، ޝަރުތު ހަމަވާ 9544 މީހަކު މި ލިސްޓުގައި ހިމެނެއެވެ. ލިސްޓުން އެ ފަރާތްތައް އެނގޭނެކަމަށާއި އަދި އެ ފަރާތްތަކަށް އެ ކުރިއަށް އޮތްތަނުގައި އިއުލާންކުރާ ސްކީމްތަކުން ގޯތި ލިބުމުގެ ފުރުސަތު ބޮޑުވާނޭކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ދޫކުރައްވާ ގޯތިތައް ލިބޭނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެނެވެ. ގޯތި ލިބޭ މީހުންގެ ލިސްޓް މިއަދު އިއުލާންކުރިނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަދު އިއުލާނެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން