މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓް އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި މޭމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ވަނީ 5 އިންސައްތަ މަތިވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މޭ މަހު މި ޢަދަދުވަނީ 4.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި މޭމަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 19 އިންސައްތަ ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ މޭ މަހު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މޭ މަހު މި ޢަދަދުވަނީ 357 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ، އޮމާން އަދި ސިންގަޕޯރ،އެވެ. އިންޑިއާ 901 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫ.އޭ.އީއިން 645 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން ޗައިނާއިން 642 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އޮމާންއިން 551 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރ އިން 419 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު