އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މެދުވެރިކޮށް ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާކަމުގެ ތުހުމަތުކުރެެއްވުމާ ގުޅިގެންނެެވެ. ވައްޑެ ވަނީ އަލަށް އައްޔަނުކުރުމަށް މަސައްކަތްކުރަމުންދާ އިލެކްޝަންސްގެ މެމްބަރު މެދުވެރިކޮށް ވޯޓު ފޮށިތައް އެތެރެ ނުފެންނަ ގޮތަށް ބަދަލުކުރުމަށާއި ވޯޓުލުން ހުކުރު ދުވަހަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވަނީތޯ ސުވާލު ކުރަށްވާފައެވެ.

އެކަމާ ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރައްވަމުންދަނީ ރައީސް މުޙައްމަދު ނަޝީދުކަމަށެވެ. އެމަނިކުފާނުގެ މަގުސަދު ހާސިލުކުރެއްވުމަށް އިލެކްޝަންސްގެ ރައީސް މެދުވެރިކޮށް ކުރައްވަމުންދާ މަސައްކަތްތައް ހުއްޓުވަން ޖެހޭކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.





ޝިފާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ފުއާދު ތައުފީގަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ބޭފުޅެއްކަމަށެވެ. އަދި ފުއާދަކީ ސިފާއު ފަދައިން އަމަލުކުރައްވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ އޭނާ ވަނީ ޝިފާއު ވައްކަމުގެ އަމަލެއް ހިންގެވިކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަވެ އެކަމަށް ދޭންޖެހޭ ހުއްދަ ދިނުމުގެ މައްސަލައިގައި އިލެކްޝަން ކޮމިޝަންގެ ތެރޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. އެޕާޓީ އުފައްދަން ހުއްދަ ދިނުމުގެ މައްސަލައިގައި އީސީގެ ރައީސް ފުއާދު އަމަލުކުރަށްވަނީ ނުފޫޒެއްގައި ޖެހިވަޑައިގެން ކަމަށް ވިދާޅުވެ ކޮމިޝަންގެ ދެ މެމްބަރުން ވަނީ ފުއާދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު