މާލެ ސިޓީ ކައުންސިލުން އަޟްޙާ ޢީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފިއެވެ.

ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ޕްލޭނު މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާކަމަށް މީގެ ކުރިން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.



ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރަމަޟާންމަސް ފާހަގަކުރުމަށް މަގުތައް ޒީނަތްތެރިކޮށްފައި ހުންނަ ތަން ފެނިގެންދާ ފޮޓޯއެއް ހިއްސާކުރުމަށްފަހު އާންމު ރައްޔިތަކު ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދައިން މާލޭގެ މަގުތައްވެސް ޒީނަތްތެރި ކުރާނެކަމަށް އުންމީދުކުރާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓަށް ޖަވާބުދެއްވަމުން މާލެސިޓީގެ މޭޔަރ ޑރ މުޢިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވަނީ އެފަދައިން އެކަން ކުރުމަށް ނިންމާފައި ކަމަށެވެ.

އަޟްޙާ އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް ޢީދު ފާހަގަ ކުރުން ވެގެންދާނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މިފަދައިން ހިންގި ފުރަތަމަ ހަރަކާތަށެވެ.



ކިޔުންތެރިންގެ ހިޔާލު