ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާއި އެއްގޮތަށް ހދ. މަކުނުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ޖެނުއަރީމަހު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ސަރުކާރުން ހދ. މަކުނުދޫގައި އެއާޕޯޓް ތަރައްޤީކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަން އިއުލާންކުރައްވާފައެވެ. އަދި ދެން އޮތީ އެ މަސައްކަތް ފެށުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތާއި ގުޅޭ އިދާރީ ހުރިހާ މަސައްކަތްތައް ނިންމާލުމަށްފަހު ސަރުކާރުން މިހާރު ވަނީ އެއަރޕޯޓް ތަރައްްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ބަޔަކާއި ހަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި ބިގްފިޝް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝާފިން އަޙްމަދެވެ.

މި މަޝްރޫޢުގެ ދަށުން މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޚިމާޔަތްކުރުމުގެގޮތުން 3493 މީޓަރުގެ ރިވެޓްމަންޓް ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މަކުނުދޫ ބިން ހިއްކުމުގެ މަޝްރޫޢު ބިގްފިޝް މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ 366 ދުވަހުން ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

1800 މީހުން ދިރިއުޅޭ މަކުނުދޫގައި އެއަރޕޯޓް އަޅަނީ ރަށުގެ ދެކުނުފަރާތުން ބިން ހިއްކައިގެންނެވެ.

ހދ. އަތޮޅުގެ ހުޅަނގު ދެކުނު ބިތުގައި އޮތް މަކުނުދުއަކީ ރާއްޖޭގައި ދަތުރުފަތުރުގެ ދަތިކަން އެންމެ ބޮޑަށް އޮތް އެއް ރަށެވެ. ކައިރީގައި އިތުރު ރަށެއް ނެތުމާއި، އެ ރަށް އޮތް ހިސާބުގެ ސަބަބުން އެ ސަރަޙައްދަކީ އެހެން ރަށްރަށަށް ދަތުރުފަތުރުކުރުމަށް ވެސް ބޭނުންކުރާ ސަރަޙައްދެއް ނޫނެވެ. މިއާއެކު އެރަށުގެ ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދުމަތަކީ ރަށުން ދަތުރުކުރެވޭނެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ.

މި މަޝްރޫއުގެ ޕްލޭން އެކުލަވައިލައްވައި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ވަނީ މަކުނުދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލަށް އެއަރޕޯޓުގެ ޑިޒައިންވެސް ފޮނުއްވާފައެވެ. ސަރުކާރުގެ ޕްލޭންގައިވާ ގޮތުން މަކުނުދޫ އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު