ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި ކަމެއް މަޖިލީހުގެ ތެރެއިން ކޮށްފާނެތީ އެކަމަށް ހުރަސް އެޅުމަށް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބޮޑެތި ގިނަ މައްސަލަތަކެއް މަޖިލީހުގެ ތަޅުމާއި ކޮމެޓީތަކުގައި ވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އެމައްސަަލަތައް މަޖިލީހުގެ މިދައުރުގެ ތެރޭގައި ވެސް ނިންމަން ސަރުކާރުން ބޭނުންވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ހުއްޓުވާފައި ބޭއްވުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރިކަމެއް މިދަނޑިވަޅުގައި މަޖިލީހުގެ ތެރެއިން ކޮށްފާނެތީ އެކަން ކުރިއަ ނުދިނުމަށް ކަމަށްވެސް ޔައުގޫބް ވިދާޅުވިއެވެ.

"މަޖިލިސް ހުއްޓުވާފައި އެވަނީ ސަރުކާރުން ރައްޔިތުންނާއި ގުޅުން ހުރި ރަނގަަޅުކަންކަން މިދަނޑިވަޅުގައި ވެސް ކޮށްފާނެތީވެ އެކަން ވިޔަ ނުދޭންވެގެން ސީދާ ހަމަ ގަސްތުގައި ކަނޑައެޅިގެން އެކަން ހުއްޓުވަން. ރައްޔިތުންނަށް ހެވާ ލާބަޔާ މަންފާ ހުރިކަންކަން ހުއްޓުވަންވެގެން މަޖިލިސް ހުއްޓުވާފައި އެ އޮތީ. ސަރުކާރުން ބޭނުމެއް ނުވާނެ މަޖިލިސް ހުއްޓުވޭ ކަށެއް. މިވީހާ ތާކަށް ދުވަހަކުވެސް ސަރުކާރުން ކުރި ކަމެއް ނޫން އެއީކީ. ކުރީ ސަރުކާރުގައި ކަން ކުރި ގޮތަށް ސިފައިންނާއި ފުލުހުންނާއި އެހެން ފަރާތްތައް ވައްދައިގެން މަޖިލިސް ހުއްޓުވައި މަޖިލިސް މެމްބަރުންނަށް ބިރު ދައްކައި އެކަހަލަ ކަމެއް މި ސަރުކާރުން ނުކުރާނެ." ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިކުމެވަޑައިގެން ހުންނެވީ އެމްޑީޕީ އާއި ދެކޮަޅަށް ކަމަށާއި އެޕާޓީ އާއި ދެކޮޅަށް އެމަނިކުފާނު ކޮންމެ ފަދަ ކަމެއް ވެސް ކުރަށްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަަށްޓަކައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެމްޑީޕީން ދެމުން އަންނަ ކަމަށެެވެ.

އެގޮތުން އެމްޑީޕީން މަޖިލިސް ކުރިއަށް ގެންދިޔުމަށް ވަކި ކަމަކަށް އެއްބަސްވުމުން އިތުރު ކަންތައްތައް ނަގައި ބަހަނާ ދައްކަނީ މަޖިލިސް ހުއްޓުވާފައި ބޭއްވުމަށް ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި މަޖިލިސް ހުއްޓުވާފައި ބާއްވަނީ ނާއިބް ރައީސްގެ މަގާމު ދިފާއު ކުރުމަަށް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"ހަމައެކަނި ކޮއްކޯފުޅުގެ މަގާމު ގެއްލިދާނެތީ އެވަގުތަށް ރިޔާސަތުގައި އިންނަވަން އުޒުވެރިވެޔޭ ކިޔައިގެން ހިފަހައްޓައިގެން އެ ހުންނަވަނީ. ދެން އަޅުގަނޑުމެންނަށް އެބައޮތް ސްޕްރީމް ކޯޓާއި ހަމަޔަށް ދިއުން ވެސް. މަޖިލީހުގެ ކަންކަން މަޖިލީހުން ހައްލު ނުކޮށް އެ މަޖިލީހުން ބޭރަށް ދިޔުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. އަދި އެމުއައްސަސާ އަށް ގަދަރު އިހުތިރާމް ކުޑަވާކަމެއް މަޖިލީހުގެ ބޭރުން ކަންކަން ހައްލު ކުރަންޖެހުމަކީ. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ މަޖިލީހުގެ ތެރެއިން އެކަން ހައްލު ކުރެވޭނެ ގޮތެއް ހޯދުން. ނުވެއްޖެއްޔާ ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރާނަން." ޔައުގޫބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅި ފަހުން މަޖިލީހުގެ ޖަލްސާތައް ހުއްޓި މަރުތަޅު އެޅުވިފައި އޮންނަތާ މިހާރު ވަނީ ގިނަ ދުވަސް ތަކެއް ވެފައެވެ. މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއެކު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުދާތީ ކޮމިޓީތަކުގެ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓިފައެވެެ.

ރައްޔިތުން މަޖިލިސްގެ މިދައުރު ނިންމައި މަޖިިލިސް އިއްޔެ އިން ފެށިގެން މިހާރު ވަނީ ޗުއްޓީއަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު