ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވެރިކަން ކުރަން ފުރުސަތު ލިބިވަޑައިގެންފިނަމަ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ރޭ ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ މެމްބަރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ޑީއާރުޕީ، އެމްޑީޕީއާއި ޕީޕިއެމްގެ ވެެރިކަން ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ކަމަށާއި، އެޕާޓީތަކުގެ ފަރާތުން ވެރިކަން ކުރެއްވި ބޭފުޅުން ވައުދާއި ހިލާފުވެފައިވާކަން ރައްޔިތުންނަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި އެޕާޓީތަކުގެ ފަރާތުން ވެރިކަން ކުރެއްވި ވެރިން ރައްޔިތުން މާޔޫސް ކޮށްލާފައިވާ ކަމަށް ހައިލަމް ވިދާޅުވިއެވެެ.

މީގެ އިތުރުން ހައިލަމް ވިދާޅުވީ ރައްޔިތުންނަށް ތަޖުރިބާ ނުކުރެވި އޮތީ ޖުމުހޫރީ ޕާޓީގެ ވެރިކަން ކަމަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް ފުރުސަތު ދީފިނަމަ ރައްޔިތުން މާޔޫސް ކޮށް ނުލައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ޖުޑިޝަރީ އިސްލާހުކޮށް ތަފާތު ޖުޑިޝަރީ އެއް ފެނިގެންދާނީ ގާސިމަށް ފުރުސަތު ދީގެން ކަމަށެވެ.

އަދި ރައްޔިތުންނަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރަނގަޅު ދިރިއުޅުމެއް ލިބޭނީ ގާސިމްގެ ވެރިކަމެއްގައި ކަމަށް ހައިލަމް ވިދާޅުވިއެވެ. ހައިލަމް ވިދާޅުވީ ގާސިމަށް ރާއްޖޭގެ ވެރިކަން ކުރަން ރައްޔިތުން ފުރުސަތު ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ރައްޔިތުން އެބަޖެހިވަޑައިގަންނަވާ އާ ތަޖުރިބާއެއް ކުރައްވަން، ތަޖުރިބާ ކުރަންޖެހޭ ބޭފުޅަކީ ކޮންމެ ގޮތެއްވިޔަސް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ގާސިމަށް ރައްޔިތުން އިތުބާރު ކުރަންޖެހޭ ސަބަބަކީ ގާސިމަކީ ސިޔާސީ މައިދާނުގައި ހުރިހާ ދާއިރާއަކުން ވެސް ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށްވީމަ، އެހެންވީމަ އެފަދަ ފުރުސަތެއް އެމަނިކުފާނަށް ދެއްވައިފިނަމަ އަޅުގަނޑު ގަބޫލު ކުރާ ހިތް އޮތީ ދިވެހި ރައްޔިތުންގެ މާޔޫސް ކަމެއް ނޯންނާނެ ކަމަށް،" ހައިލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު