ޑިމޮކްރަސީގެ ދެމިއޮތުމަކީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވުމާއި ގުޅިގެންނެވެ.

ނަޝީދު ވަކިވުމަކީ ހިތާމައެއްކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަމުންގެންދަވާއިރު، ރީކޯ މޫސަ ވިދާޅުވީ އޭނާއަކީވެސް އެމްޑީޕީން މީގެކުރިން ވަކިކުރި މެމްބަރެއްކަމަށާއި، އެއީ ސިޔާސީ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސް ކަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީއަށްޓަކައި އަދި ޑިމޮކްރަސީ ދެމިއޮތުމަށްޓަކައި މިއަދަކީ އުފާވެރި ދުވަހެއްކަމަށެވެ.



ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެމްޑީޕީއަށް ފޮނުވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ ގައުމުގައި ކަންކަން ހިނގަމުންދާ ގޮތުން އެމްޑީޕީގައި މިވަގުތު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ތިޔަޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުދެކޭކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށްލެއްވުމުގެ ވިސްނުންފުޅެއް އަދި ނެތްކަމަށާއި ބޭނުންވަނީ އެ ޕާޓީ "އަތުލަން" ކަމަށެވެ.

މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވަައިގެން މަސަައްކަތް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު