ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި އިންސާފު ހޯދައިދޭނެކަމުގެ ޔަގީންކަން ފުލުހުން ދީފިއެވެ.

ފަތުރުވެރިޔަކު ރޭޕްކުރިކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހުން މިހެން ބުނެފައި މިވަނީ މިމަހުގެ 11 ވަނަ ދުވަހު ހިނގިކަމަށް ބުނާ މި ހާދިސާ ތަހުޤިޤް ނުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ރިޕޯޓް ލިބުމާއެކު އެ މައްސަލަ ތަހުޤީޤްކުރަމުންދާކަމަށެވެ. އަދި އެމައްސަލައިގައި ޝާމިލުވާ ދެމީހުންގެ ފޮރެންސިކް ސާމްޕަލްތައް ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން މަޑުކޮށްގެން މިހާރު ތިބީ އެމީޙުންގެ ސާމްޕަލްގެ ނަތީޖާ ލިބެންދެންކަމަށްވެސް ބަޔާނުގައިވެއެވެ.



ފުލުހުން ބުނީ މިމައްސަލައިގައި މީހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިމައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއާއި އޭނާއާއި ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިނގިކަމަށް ބުނާ މީހާއާއި ސުވާލުކޮށް އެމީހުންގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލައިގައި ހިމެނޭ ފަތުރުވެރިޔާއަށް ބޭނުންވާ ސިއްޙީ އެހީތެރިކަމާއި ބޭނުންވާ އެހެނިހެން އެހީތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރޭޕާއި ގުޅުންހުރި މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކަމާއި ޕްރޮފެޝަނަލްކަމާއެކު ބަލާ ފިޔަވަޅު އަޅާނެ މައްސަލަތައްކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިހާރު ބަލަމުން އަންނަ ފަތުރުވެރިޔާ ރޭޕްކުރި މައްސަލައަށްވެސް އިންސާފު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު