ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސޮއިކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން އަދި މަޖިލީހުގެ ގަވާއިދުގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަމާޒުކޮށް ދިވެހި ރައްޔިތުން ގިނަގުނަ ސުވާލުތަކެއް ކުރަމުންދާ ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމަކީ ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކޮށް، ގައުމުގެ ހަމަޖެހުން ގާއިމްކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަމުގައި ދެކޭކަމަށް ސިޓީގައި ބުނެފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުނުހާ އަވަހަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވާ، މަޖިލީހުގެ ތަޅުމުގައި އިދިކޮޅުން ފޮނުވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވެވޭނެ އިންތިޒާމް ހަޖައްސައިދެއްވުމަށް އެދިފައިވެއެވެ.

އިދިކޮޅުން މަޖިލީހަށް ފޮނުވާފައިވަނީ 10 ސުވާލެކެވެ. އޭގެ ތެރޭގައި ކަނޑުގެ އިމުގެ ސަރަހައްދާއި، އުތުރު ތިލަފަޅާއި ހަނިމާދޫ އެއަރޕޯޓާއި، އަދީބު އަތުން ހޯއްދެވިކަމަށް ދެކެވޭ ފައިސާގެ ވާހަކައިގެ އިތުރުން މިނިސްޓަރ މަހްލޫފާއި ގުޅޭ ސުވާލެއްވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު