ކޯސްޓްގާޑުގެ ޚިދުމަތްތަކާއި، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ޚިދުމަތްތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސިފައިންގެ މުހިންމު ދެ ދާއިރާއެއްގެ ތަރައްޤީއަށް އިތުރު ސަމާލުކަމެއް ދިނުމަށް ސަރުކާރުން ނިއްމަވާފައިވާ ކަމަށެވެ. އެގޮތުން ސިފައިންގެ ކޯސްޓް ގާޑްގެ ޚިދުމަތްތަކާއި ސިފައިންގެ ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތް ތަރައްގީ އަށް އިތުރު ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.އެމަނިކުފާނު ވިދާޅުވީ ސިފައިންގެ އެ ދެ ދާއިރާއަކީ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ދެ ދާއިރާ ކަމަށެވެ. އަދި މަސްވެރި އުޅަނދުތައް ބޮޑެތިވެ، މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނައިރު، ކޯސްޓް ގާޑްގެ ޚިދުމަތްތައް ވެސް އެވަރަށް ފުޅާކުރަންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަަށް ރައީސް ވިދާޅުވިއެވެ.

"،މާލެ ސަރަޙައްދުގެ ޢިމާރާތްތައް އެ އަންނަނީ އުސްވަމުން ބޮޑެތިވަމުން. އެއް ޢިމާރާތެއްގައި ދިރިއުޅޭ މީހުންގެ ޢަދަދު ވެސް އަންނަނީ އިތުރުވަމުން. މިކަމަށް ރިޢާޔަތްކޮށް، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތް އިތުރަށް ތަރައްޤީކޮށް ޒަމާނީ ކުރުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް"، ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމުގެ އެންމެ މަތީ ޒިންމާ އަދާކުރަނީ ދިވެހި ސިފައިން ކަމަަށެވެ. އަދި ކަނޑު ދަތުރުފަތުރުގައި ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދަލާއި އުޅަނދުތައް ސަލާމަތްކޮށްދިނުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ސިފައިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ.

"ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި ވެސް ވައިގެ މަގުންނާއި ކަނޑު މަގުން ވެސް، ދިވެހި ސިފައިން އަންނަނީ ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެމުން." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު