ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ޖުމްހޫރީ ޕާޓީގެ ވެރިކަމެއް އުފެދިއްޖެނަމަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނެލް މެސީ ގަލޮޅު ދަނޑުން ފެންނާނެކަމަށް މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ރެފްރީ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ރިޔާޒު ރަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުޅިވަރާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ. އެގޮތުން ގާސިމްގެ ވެރިކަމެއްގައި ކުޅިވަރުގެ ދާއިރާގެ ދައުރު ފުޅާކޮށް، ރަށްރަށުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގުމުގެ މަގުފަހިކޮށްދޭނެކަމަށެވެ. އަދި ރަށްރަށުގައި މުބާރާތްތައް ނުބޭއްވިގެން މީހުން ކައިރިއަށް ސަލާންޖަހަންދާކަށް ނުޖެހޭނެކަމަށެވެ.

ރިޔާޒު ރަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އޮލިމްޕިކް ސްޓޭޑިއަމެއް އަޅާއިދޭނެކަމަށާއި، އޭގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މެސީ ރާއްޖެ ގެނެސްދޭނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން ދެން އެމަނިކުފާނުގެ ވެރިކަމެއްގައި މެސީ އައިސް ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅޭނެ. މެސީ ފުޓްބޯޅަ މެޗެއް ކުޅޭނެ އެމަނިކުފާނުގެ ވެރިކަމެއްގައި. ޒުވާނުންނާއެކު ފުޓްބޯޅަ ކުޅޭނެ" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މެސީ ގެނައުމުގެ އިތުރުން ގާސިމްގެ ވެރިކަމެއްގައި ޔޫރޯ އާއި ވޯލްޑްކަޕް ކޮލިފައިން މެޗުތައްވެސް ރާއްޖެ ބޭއްވިގެން ދާނެކަމަށެވެ. އަދި އެކަން ކުރުމުގެ ގާބިލްކަން ހުރި ބޭފުޅުން ތިއްބެވީ ގާސިމް އަރިހުގައިކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު