އެމްއެންޑީއެފްއަށް ހަތިޔާރު ހޯދުމަށް މި ވޭތުވެދިޔަ 4 އަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައަކީ، މީގެ ކުރިން ދުވަހަކުވެސް ނުކުރާވަރުގެ ބޮޑު ހޭދައެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާއި، ސިފައިންނާއި ޙަވާލުކުރެވޭ ޒިންމާތައް އިތުރުވާ މިންވަރަށް ބަލައި، ޤައުމީ ދިފާޢީ ބާރުގެ ލަޝްކަރު މިއަހަރުގެ މިހާތަނަށް 15 އިންސައްތަ އިތުރުކުރައްވާފައިވާކަމަށެވެ.

މާރިޔާ ވިދާޅުވީ އެއްގަމާއި ކަނޑުގައި، އަސްކަރީ އަދި މަދަނީ ދިފާޢުގެ ބޭނުންތަކަށް ޤައުމީ ދިފާޢީ ބާރު ޙަރަކާތްތެރިވާންޖެހޭ ޙާލަތުތަކާއި މިންވަރުވެސް އެތައްގުނައެއް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން، ސަލާމަތީ މަސްރަޙްގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، މުހިންމު އެކި ފަންނުތަކުން ޤައުމީ ދިފާޢީ ބާރުގެ އެކި ލެވެލްގެ މީހުންނަށް ތަޢުލީމާއި ތަމްރީންދީ، ސިފައިންގެ މީހާގެ ވިސްނުން ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތް. ރައީސް ޞާލިޙް ސަރުކާރާ ޙަވާލުވެވަޑައިގެންނެވި ފަހުން، އެކި ރޭންކުތަކުން 990 އަށް ވުރެ ގިނަ ސިފައިން ރާއްޖެއިން ބޭރުން ތަމްރީނު ކުރެވިއްޖެ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޤައުމީ ދިފާޢީ ބާރުގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ހަތިޔާރާއި އާލާތް ހޯދުމަށް މި ވޭތުވެދިޔަ 4 އަހަރާ ބައިގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައަކީ، މީގެ ކުރިން ދުވަހަކުވެސް ނުކުރާވަރުގެ ބޮޑު ހޭދައެއްކަމަށެވެ.

މާރިޔާ ވިދާޅުވީ ސްޕެޝަލް ޕްރޮޓެކްޝަން ނުވަތަ ބޮޑީގާޑް ޚިދުމަތަށް ބެލިކަމުގައިވިޔަސް، ތަމްރީނުގެ އިތުރުން، އެ ޚިދުމަތް ފުރިހަމަކުރުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދާދެވުނުކަމަށެވެ. އަދި މިލިޓަރީ އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު