އަޅުވެތިކަމާ ދެކޮޅަށް އެކާވީސް ވަނަ ޤަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޞުލްޙަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ މިއަދުގެ ދިވެހި ސިފައިންނަކީ ވެސް ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއްކަމަށެވެ. އަދި ދުޝްމަނުން މިއަދު ޤައުމާ ތޮޅެން އަންނަނީ ގުރާބުތަކާއި ބަނގަލާބޯޓުތަކާއި ނައުޒޯނގު ފަހަރަކު ނޫންކަމަށާއި ޤައުމު ދިފާޢުކުރުމަށްޓަކައި މިއަދު ހަދަންޖެހެނީ ކޯއްޓޭތަކާއި ބުރުޒުތަކާއި ކިއްލާތަކެއް ވެސް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ އަޅުވެތިކަމާއި ދެކޮޅަށް އެކާވީސް ވަނަ ޤަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޞުލްޙަކަމަށެވެ.

"ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާޢާތްތަކާ އެކުގައި ބަދަހިކުރާ އިތުބާރު ހުރި ގާތް އެކުވެރި ގުޅުން. އެ ގުޅުމުގައި އާރުލާ ވަރަކަށް، އެ ޤައުމެއްގެ ވަށައިގެން ލެވޭ ދިފާޢީ ފާރުގެ ވަރި ބޯވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގައި ވެސް، އަދި އެ ނުރައްކާތައް ދުރާލައި ދެނެގަތުމުގައި ވެސް، ޤައުމުތަކަށް ކާމިޔާބު ލިބެނީ އެ ގުޅުން ދަމަހައްޓައިގެންކަމަށެވެ. އަދޮ މިއަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އެއްވެސް ޤައުމަކީ އެކަހެރިވެގެން، ނުވަތަ އެހެން ޤައުމުތަކާ ނުގުޅި އުޅެވޭނެ ޤައުމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.



"އަޅުގަނޑުމެން ވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން މިއަންނަނީ އެ ގުޅުން ދަމަހައްޓައިގެން. އެ ގުޅުން ބަދަހިކުރުމަށްޓަކައި ޤާބިލު އަދި ހުޝިޔާރު ޢަސްކަރިއްޔާއެއް އޮތުމަކީ ވެސް އެހާމެ ބޭނުންތެރިކަމެއް. މިނިވަންކަމުގެ ކިތަންމެ ބޮޑު ޔަޤީންކަމެއް އޮތަސް، ސިފައިންނަކީ ކޮންމެ ވަގުތަކު ކޮންމެ ފަދަ ޙާލަތަކަށް ވެސް ފުރިހަމައަށް ތައްޔާރުވެ ލޯހުޅިފައި ތިބެންޖެހޭ ބައެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢިލްމީ ގޮތުން ޤާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި ޢަސްކަރިއްޔާގައި މިހާރު އެބަތިބިކަމަށެވެ. އަދި ދިވެހިންގެ ދިފާޢުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން މިހާރުވެސް އަންނަނީ ރެޔާއި ދުވާލު ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިނިވަންކަން ނިގުޅައިގަތުމަކީ ބޭރުން މެދުވެރިވާ ކަމަކަށް ވިޔަސް، ގިނަ ފަހަރަށް އެކަމުގެ ފެށުން ގުޅިފައި އޮންނަނީ ޤައުމުގެ ދާޚިލީ ހަމަޖެހުމާކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުން ފެންނަން އޮތީވެސް އެ ޙަޤީޤަތްކަމަށާއި އަދި މިއަދު ދުނިޔޭގައި ހިނގާ ހަނގުރާމަތަކުން ފެންނަނީ ވެސް އެކަމުގެ ހެކިތައްކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު