ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައިވާ މެމްބަރުންގެ އިތުރުުން، އެހެން ބައެެއް މެމްބަރުންވެސް އެ މައްސަލައިގައި ވޯޓް ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ 54 މެމްބަރުންގެ ތާއީދާއެކު ކަމަށެވެ. ނަަމަވެސް އިތުރު މެމްބަރުންވެސް އެ މައްސަލައަށް ތާއީދުކުރައްވާނެކަން މިހާރު ހާމަކުރަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މީގެކުރިން މި މައްސަލައިގައި ސޮއިނުކުރައްވާ 6 މެމްބަރުން މި މައްސަލައިގައި ރައީސް ނަޝީދާއި ދެކޮޅަށް ވޯޓްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ. އެހެންކަމުން މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި އަދަދަށްވުރެ އިތުރަށް މެމްބަރުން ވޯޓު ދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"54 މެމްބަރުން މައްސަލައިގައި ސޮއިކުރިނަމަވެސް، 60 މެމްބަރުން މި މައްސަލައިގައި ނަޝީދު ވަކިކުރަން ވޯޓްދެއްވާނެ،" އަސްލަމް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި އިތުރު މެމްބަރުންތަކެއް ވޯޓްދެއްވާނެކަމަށް ވިދާޅުވިޔަސް އެއީ ކޮން ބޭފުޅުންނެއްކަމެއް އަސްލަމް ވިދާޅެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ސޮއިނުކުރާކަންވެސް ފާހަގަކޮށްލެވެއެވެ.

ނަޝީދުގެ މައްސަލައަށް 60 މެމްބަރުން ތާއީދުކުރިނަމަވެސް، އެ މައްސަލަ އެޖެންޑާކޮށްގެން ވޯޓު ނަގާނެ ދުވަހެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު