މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އެއް ގެއެއް ނުވަތަ އެއް އާއިލާއެއްގެ ބަޔަކަށް ނުދެވޭ ގޮތަށް ޤާނޫނުތައް ބަދަލުކުރަންޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދާއި، މަޖިލީޙުގެ ނައިބު ރައީސް އީވާއާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އެ ދެ ބޭފުޅުންވެސް ދެކޮޅު ހައްދަވަމުން ގެންދެވުމުން މަޖިލިހުގައި މަރުތަޅު އެޅިފައިވާ ދަނޑުވަޅެއްގައެވެ.

މަޖިލީހުގެ ޤަވާއިދު އޮންނަ ގޮތުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތުގައި އިންނަވަންޖެހޭނީ މަޖިލީހުގެ ނާއިބު ރައީސް ނުވަތަ ރިޔާސަތުން ކަނޑައަޅާ ބޭފުޅެކެވެ. އަދި މަޖިލިސް ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތުގައި އިންނަވަންޖެހޭނީ މަޖިލީހުގެ ރައީސް ނުވަތަ ރިޔާސަތުން ކަނޑައަޅާ ބޭފުޅެކެވެ. ނަމަވެސް ދެ ބޭފުޅުންވެސް ގެންދަވަނީ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވަމުންނެވެ. އެކަމާއި ގުޅިގެން މަޖިލިސް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.

މަޖިލީޙުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން ރެކުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުންކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މަޖިލީހުގެ ރައީސާއި ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.



އަސްލަމް ވިދާޅުވީ އާއިލީ ބޭފުޅަކާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުން ދުރަށް ވަޑައިގެންނެވުމަކީ ޤަބޫލުކުރެވޭކަމެއް ނޫންކަމަށާއި، އެއީ ޤަވާއިދު ތަންދޭ ކަމެއްވެސް ނޫންކަމަށެވެ. އަދި އާއިލީ ބޭފުޅުންގެ މައްސަލަ ކުރިއަށްދާއިރު މަޖިލީހުގެ ރިޔާސަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްުޔަތު އަދާނުކުރެވޭނަމަ އެކަމާއި މެދު ވިސްނާފައި، ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އެގޮތުން އެއް ގެއެއްގެ ބަޔަކަށް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު ނުލިބޭ ގޮތަކަށް ޤާނޫނުތައް ބަދަލުކުރަންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

"އާއިލީ މީހަކަށްވީމަ އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅީމަ ރިޔާސަތުގައި ނީންދެވޭނެކަމަށް ބުނުމަކީ ޒިންމާއިން ރެކުން. މަޖިލިސް ޤަވާއިދުގައި މިކަމަށް ހުރަހެއް ނެތް. އެއް ގެއަކުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ނާދެވޭގޮތަށް ހަދަންޖެހިދާނެ." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި ދެކޮޅު ހެެދުމުގެ ސަަބަބުން މަޖިލިސް ވަނީ ހުއްޓިފައެވެ. މިކަމަށް ހައްލެއް ލިބޭނެ ގޮތެއް ފެންނަން ނެތްއިރު، އެމްޑީޕީން ބުނީ މިކަމުގައި އޮތް އެންމެ ފަހު ގޮތަކީ ސުޕްރީމް ކޯޓަށް ވަޑައިގަތުންކަމަށެވެ. ނަމަވެސް އެ ފިޔަވަޅު އެޅުމުގެ ކުރިން ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާނޭކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު