ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އިތުބާރު ނުކުރައްވާކަމަށާއި، އެހެންކަމުން އެމަނިކުފާނާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން ވިދާޅުވުމަކީ ވަރަށް ހެއްވާ، އަދި ދެރަވަރުކަމެއްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މަޖިލީޙުގެ މަސައްކަތްތައް މިހާރު ހިނގަމުންދާ ގޮތާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަަކަށް ގެންނަން އެމްޑީޕީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށެވެ. ނަމަވެސް އެކަމުގައި މަޖިލީހުގެ ރިޔާސަތުން އަމަލުކުރަމުންދާ ގޮތާއި ގުޅޭގޮތުން އަސްލަމް ވަނީ ފާޑު ވިދާޅުވެފައެވެ.

މަޖިލީހުގެ މަސައްކަތްތައް އަލުން ފެށޭނީ މަޖިލީޙުގެ ރައީސް ނުވަތަ ނައިބު ރައީސާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް ނެންގެވުމުންކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށްވެސް އަސްލަމް ވަނީ ރައްދު ދެއްވާފައެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރައި ނަގައިގެން ނޫނީ މަޖިލިސް ކުރިއަށް ނުދާނެކަމަށް ނަޝީދު ވިދާޅުވުމަކީ ހެއްވާކަމެއްނަމަވެސް އެއީ ވަރަށް ދެވަރުގެ ކަމެއްކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ނަގަން ބުނާނީވެސް އިހްލާސްތެރިކަމެއް ނެތީމާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"މަޖިލިސް ކުރިއަށް ގެންދެވޭނީ ތިމަންނާގެ މައްސަލަ އަނބުރާ ގެންދިޔައީމައޭ ބުނުން އެއީ ދައުލަތުގެ އެއް ބާރު ހިންގަން ހުންނަ މީހަކު ދައްކަވާ ވަރަށް ދެރަވަރުގެ ވާހަކައެއް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމާއި ގުޅޭގޮތުން ގޮތެއް ނިންމަންޖެހޭނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އެއްވެސް މެންބަރަކު ރައީސް ނަޝީދާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ނަގަން ބޭނުންނުވާކަމަށާއި، އަދި އެކަމާއި ގުޅޭގޮތުން މަޝްވަރާވެސް ކުރަން ބޭނުން ނުވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މެމްބަރުން ނަޝީދާއި މެދު އިތުބާރު ގެއްލުނީ އެމަނިކުފާނުގެ އަމަލުތައް ބަހައްޓަވާ ގޮތުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު