ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނުގެންދަވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަނބުރާ ގެންދިއުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެދިވަޑައިގެންފައިވަނިކޮށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް މިރޭ ވިދާޅުވީ މަޖިލީހުގައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނުނަންގަވާނެ ކަމަށެވެ. އަދި އެމައްސަލައިގައި ރައީސް ނަޝީދު ދައްކަވަނީ "ކުޑަކުދިން ދައްކާ ކަހަލަ ވާހަކަތަކެއް" ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނަޝީދު ބޭނުންވާ ގޮތަށް އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށްވާއިރު އެތަނުގެ މަސައްކަތް ހިނގާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގާނޫނާ ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަަށް ހުށައަޅާފައެވެ. އަދި 50 މެމްބަރުން ސޮއިކޮށް ނާއިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވެސް މަޖިލީހަށް ވަނީ ހުށައަޅާފައެވެެ.



ކިޔުންތެރިންގެ ހިޔާލު