ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން އިސްތިއުފާދެއްވުމަށް ނޫނީ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ވޯޓު ނެގުމުގެ ފުރުޞަތު ދެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

ރޮޒައިނާ މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ހަމަވުމާއެކު މަޖިލީޙުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގެއިން ނުކުމެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިިދާޅުވީ މައްސަލައަކަށް ވެގެން އުޅެނީ މުރައިދޫގެއިން ރައީސް ނަޝީދު ނިކުމެވަޑައިގަތުން ނޫންކަމަށެވެ.



ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ 54 މެމްބަރުން މަޖިލީހުގެ ރައީސަށް އިތުބާރު ނެތްކަމަށް ވިދާޅުވުމުން މަޤާމުން އިސްތިއުފާ ދެއްވަން ޖެހޭކަމަށާއި، ނޫނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފުރުޞަތު ދެއްވަންޖެހޭކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީޙުގެ ރައީސްކަމުގެ މަޤާމުގައި ނަޝީދު ހުންނަވައިގެން މަޖިލިސް ނުހިންގިގޭ ހާލަތަށް ގޮސްފައިވާކަމަށެވެ.

މަޖިލީޙުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވާ ދުވަހު މުރައިދޫގެއިން ނުކުމެ ވަޑައިގަންނަވާނެކަމަށެވެ. އަދި މުރައިދޫގޭގައި ހުންނެވުން އެއީ އެއްގޮތަކަށް ވެސް އެމަނިކުފާނު ކުރަށްވާ ހިތްޕުޅުވާ ކަމެއް ނޫންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު