އެމްޑީޕީ ދޫނުކޮށްލައްވާ މި ހުންނަވަނީ އަލަށް އުފައްދާ ޑިމޮކްރެޓްސް ޕާޓީގެ ތެރެއަށް މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީ ދޫކޮށް ނުލައްވާ ހުންވަނީ އެ ޕާޓީ ޑިމޮކްރެޓްސްގެ ތެރެއަށް ގެނައުމުގެ ނިޔަތުގައި ކަމަށެވެ. އަދި އެ މަސައްކަތް ހިނގާާނީ ސެޕްޓެމްބަރު 9 ގެ ފަހުން ކަމަށާއި، އެކަން އެއީ ހިނގާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެތޯ ސުވާލު ކުރުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް އެމްޑީޕީގައި ހުންނަވައިގެން މިހާރު ކުރަށްވަނީ ދަ ޑިމޮކްރެޓްސް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވަނީ ހާމަ ކުރަށްވާފައެވެ.

ނަޝީދު ވިދާޅުވީ މިވަގުތު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަކީ ދިވެހިރާއްޖެއަށް ވެސް ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ވެސް ރަނގަޅުކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހަށްވެސް ރަނގަޅުކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް މަޖިލީހަށް އޮންނަކަން އަޅުގަނޑުމެން އެންމެންނަށް ވެސް ސާފު ކަމަށެވެ. އެހެންވީމާ ރައީސް މިކަމުގައި ބައިވެރިވެވަޑައިގެން، ދެ މީހުން (މަޖިލީހުގެ ރައީސާއި ނައިބު ރައީސް)ގެ މައްޗަށް ހުށައަޅާފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެކެއްގެ މައްސަލަ ނަންގަވައި މަޖިލިސް ކުރިއަށްގެންދަވަންވީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިހުރީ އެކަން ކުރަން ވަރަށްބޮޑަށް ތައްޔާރަށް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ 50 މެންބަރުންނާއި އިތުރު 4 މެންބަރަކު ސޮއިކޮށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައާއި ގުޅިގެން ނަޝީދު ވިދާޅުވީ 54 މެންބަރުންގެ ތެރެއިން ވަރަށް ގިނަ މެންބަރުން އެމަނިކުފާނަށް ޓެކްސްޓް ކުރައްވާފައި، މިއީ ޕްރެޝަރެއް ދިމާވެގެން ކުރެއްވި ސޮއެއްކަމަށް ވިދާޅުވި ކަމަށެވެ. އަދި ވޯޓާ ހަމައަށް ދިއުމުން ސޮއިކުރެއްވި މެންބަރުން އަމަލުކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު