ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދެވޭނީ ކޮންމެވެސަ އެއްބޭފުޅެއްގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދަވައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ ބަޔާންކޮށްދެނީ، މަޖިލީހުގެ ރައީސް މަޖިލީހުގައި ނީންނަންވީ ވަގުތަކީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ގަޑީގައި ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި މި މަފްހޫމް އިތުރަށް ފުރިހަމަކޮށްދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓުން އެއްކިބާވާންޖެހޭ ހާލަތްތަކާއި ވާންޖެހޭ ގޮތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އިން ބަޔާންކޮށްދޭ ކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ މައްޗަށް އެއްފަހަރާ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުއްވީމާ އެއީ އުސޫލާއި ހިލާފުކަމެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މަޖިލީހުގެ ކުރީގެ ރައީސް މަސީހު އަދި ނައިބްރައީސް މޫސާ މަނިކުގެ މައްޗަށް އެއްފަހަރާ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުނީމާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑާއި މަޝްވަރާކުރައްވާފައި އަދި ގާސިމާއި މަޝްވަރާކޮށްފައި ފެނުނީ މި ދެ މައްސަލަ އެކުގައި ނުގެންދެވޭނެކަން. އެހެންވެ މޫސާ މަނިކުގެ މައްސަލަ އަނބުރާ ނެގުނީ. ކަނޑައެޅިގެން މަޖިލިސް ހުއްޓާލުމުގެ ނިޔަތުގައި ނޫނީ އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސާއި ނައިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނާޅުއްވާނެ. އެއީ މަޖިލީހުގެ ގަވާއިދު އަދި ގާނޫނު އަސާސީވެސް ކިޔާދޭ މިކަންކަން ކުރިއަށް ނުގެންދެވޭނެކަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 54 މެންބަރުންގެ ސޮއާއެކު އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީމާ އެމަނިކުފާނު ބައްލަވަނީ ޑިމޮކްރެޓިކް ޕްރެކްޓިސްގައި އެކަން އޮންނަނީ ކިހިނެއްތޯ ކަމަށެވެ. ދެން އެނބުރެން ޖެހޭނީ ބެސްޓް ޕްރެކްޓިސްއަށް ކަމަށާއި، އެގޮތަށް ބަލާއިރުގައި އެމަނިކުފާނު ރިޔާސަތުގައި އިތުރަށް އިންނެވުމަކީ އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސުލްޖުމްހުރިއްޔާގެ އަރިހުން އެދެން މަޖިލިސް ހުއްޓަވާނުލައްވަން. އަދި މަޖިލިސް ބަންދުވާ ބާވަތުގެ އެއްވެސްކަމެއް ވިޔަ ނުދެއްވަން. ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު. އެމްޑީޕީގެ އެންމެ އިސް ލީޑަރު އުޅުއްވަނީ ޕާޓީގެ ރައީސްގެ އިތުބާރު ނެތްކަމަށް ނަންގަވަން. ތިކަން ކުރައްވަން އޮތް އިޖުރާތުން ކުރައްވާށޭ. ފުރަތަމަ އިހައް ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަންގަވާށޭ. ނެންގެވުމަށްފަހު އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާށޭ. މަޖިލިސް ނުހުއްޓުވާ މިކަން ކުރައްވަން ބޭނުންވާނަމަ ރީތިކޮށް މިކަން ކުރެއްވޭނެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މަޖިލީހުގެ ކޮންޓްރޯން ނަންގަވާފައި ކަމަށެވެ. އެ ކޮންޓްރޯލް ބޭނުންކުރައްވައިގެން މަޖިލިސް ކުރިއަށްގެންދަވާ ކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ އެމަނިކުފާނު ދެންނެވި ފަދައިން ކުރިއަށް ގެންދެވުމަށް އިހްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު