އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެންބަރަކަށް ނުފޫޒެއް ނެތްކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާގެ ހުއްދަ އަދި ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މިވަގުތު ތިބި 4 މެންބަރުންގެ ތެރެއިން 2 މެންބަރުން ވަނީ އިތުރަށް ފޯމް ޗެކްކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެ ހުއްދަ ދޭން ނުފެންބަ ކަމަށް ވޯޓު ދެއްވާފައެވެ. ދެ މެންބަރަކު ހުއްދަ ދޭން ވޯޓު ދެއްވިއެވެ. އެހެންކަމުން އަޣުލަބިއްޔަތުން އެކަން ނުނިންމޭތީ ފޯމްތައް އަލުން ޗެކްކުރުމަށް އީސީން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭގޮތުން ފުއާދު ވިދާޅުވީ އޭނާއަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ވޯޓު ދެއްވީ މިނިވަންކަމާއެކުގައި ކަމަށް ފުއާދު ވިދާޅުވިއެވެ.

"އެއީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެނެއް ނޫން. ނުފޫޒެއް ފޯރުވާކަށް ނޫޅުއްވާ. އަޅުގަނޑަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ގޮތަށް ވޯޓު ދޭ މީހެއް. އަޅުގަނޑު ބަލާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ރައްޔިތުންގެ ހައްގު ހޯދައިދެވޭތޯ. އެއީ އަޅުގަނޑުގެ ވިސްނުން ހުންނަ ގޮތަކީ. އަޅުގަނޑާ ހިޔާލު ތަފާތު ބޭފުޅުންނާ އެކީގައި މަސައްކަތް ކުރާއިރު ކަންކަން ނިމޭނީ އަޅުގަނޑު އެދޭގޮތަކަށް ނޫން. އެހެންނަމަވެސް އެ ނިންމާ ނިންމުމަކަށް އަޅުގަނޑު އިހްތިރާމް ކުރާނަން." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ކޮމިޝަންގެ އެހެން މެންބަރެއްގެ މައްޗަށް ނުފޫޒެއް އޮތްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފުއާދުގެ މައްޗަށް ނުފޫޒެއް އޮތް ކަމަށް އެހެން މެންބަރުން ވިދާޅުވެފައިވާތީ، އެކަމާއި ގުޅިގެން ފުއާދު ވިދާޅުވީ އޭނާއަކީ ކޮމިޝަންގެ ރައީސްކަމުގައިވާތީ މަސައްކަތް ކުރެއްވީ އޭނާގެ ވިސްނުން އެހެން ބޭފުޅުންނާ ހިއްސާކުރެވޭތޯ ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވީމާ އޭނާއަކީ ވަކި ވިސްނުމެއް ވިއްކަން ވެގެން ނުވަތަ ނުފޫޒެއްގެ ދަށުގައި ހުންނެވި ބޭފުޅެއް ކަމަށް ބައެއް މެންބަރުންނަށް ހީވަނީ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑު ދައްކަނީ އަޅުގަނޑުގެ ޒަމީރުގަބޫލުކުރާ ވާހަކަ. އަޅުގަނޑު މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުތައް ގާނޫނާއި ގަވާއިދުގެ ތެރެއިން އެންމެ އަވަހަށް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭތޯ. އެއްވެސް ކަމެއް އެކަށީގެންވާ ސަބަބެއް ނެތި ލަސްކުރުމުގެ ވިސްނުމެއް ނެތް. އެއްވެސް ބޭފުޅަކަށް ނުފޫޒެއް އޮތްކަމަށް އަޅުގަނޑު ނުދެކެން. އެކި ބޭފުޅުން ވިސްނުން ތަފާތުވާނެކަމަށް އަޅުގަނޑު ދެކެނީ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ޖަލްސާގެ ހުއްދަ ނުދެވުނީ އެކަމަށް ކޮމިޝަންގެ ޖަލްސާގައި ނެގި ވޯޓު އެއްވަރުވެގެން ކަމަށެވެ. ކޮމުޝަންގައި 5 މެންބަރުން ތިއްބަވާއިރު ރައީސާއި ނައިބްރައީސް ހިމެނޭ ގޮތަށް ކޮމިޝަންގައި މިވަގުތު ތިއްބެވީ 4 މެންބަރުން ކަމަށް ފުއާދު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް މެންބަރަކު މިވަގުތުވީ ހައްޖު ޗުއްޓީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ ދެންތިބި 4 މެންބަރުންގެ ތެރޭގައި ވޯޓު ނެގުނީ. އެއްވަރުވީމަ ދެން ކުރިއަށް ނުގެންދެވިފައިވަނީ. ދެން އިތުރަށް ޗެކްކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިހާރު. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގައި ހުރި މައުލޫމާތުތަކާއި ފޯމުގައި ހުރި މައުލޫމާތު ދިމާވޭތޯ ޗެކްކުރުމާއި އިތުރު މަސައްކަތް ކުރިއަށްދަނީ." ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އައި ކަމަށާއި، އެއީ ފޯމްތައް ޗެކްކޮށް ފުރަތަމަ ރައުންޑްގައި 86 ފޯމެއް ނޫން ހުރިހާ ފޯމެއް ރަނގަޅުވެފައިވާތީ، ގާނޫނުން ލާޒިމްކުރާ އަދަދަށް ފޯމް ހުރީ ޗެކްކުރެވިފައި ކަމުން، 3000 ހަމަވެފައި ވާކަމަށް 2 މެންބަރަކަށް ފެނިވަޑައިގެންނެވި ނަމަވެސް އަނެއް ދެ މެންބަރުންނަށް ފެނިވަޑައިގެންނެވީ އަދި އިތުރަށް ޗެކްކޮށްފައި ނޫނިއްޔާ 3000 ހަމަވީކަމަށް ނުބެލުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު