ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ)ގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސްއެވެ.

ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުންކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

މި މަޝްރޫއުގެ އަމާޒަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމެވެ.

މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަދުވެގެން 40،000 މީހުން ތަމްރީނުކުރުމަކީ ވެސް މި މަޝްރޫއުގެ ދަށުން ކުރަން ރާވާފައިވާ ކަންކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

ޖުމްލަ 15 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް (އެމްސީޖީޕީ)ގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކޮށް، ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގެ ހިންގުން ހަރުދަނާކުރުމެވެ.

މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 40،000 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން، މިހާރު ހުރި އެހެން ކުދި ވިޔަފާރިތަކަށާއި، ވިޔަފާރިވެރިންނަށް ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ތަރައްގީކޮށް، އެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރަކަށް ވެގެންދާނެކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ޒަރިއްޔާއިން ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުން ހޯދާފައި، މުސްތަގުބަލުގައި ރާއްޖޭގެ އަމާޒަކީ، މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ސިންދަފާތުކޮށް، ދާއިރާތަކުގެ ތެރޭގައި ބަދަލުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކޮށްގެން މި ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުން. މި ޕްރޮޖެކްޓްތަކުގެ ސަބަބުން އެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ." ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

ޓްރާންސްފޯމް މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިންނެވެ. އެމްސީޖީޕީ މަޝްރޫއު ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ.



ކިޔުންތެރިންގެ ހިޔާލު