ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އައު ކޯޑް އޮފް ކޮންޑަކްޓަށް ބަދަލުތަކެއް ގެނައީ ޝަރުއީ ދާއިރާއަށް އާއްމުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކަމަށާއި އައު އުސޫލުގައި ވެސް ސިޔާސީ ކަންކަމުގައި ބައިވެރިވުން ހުއްދު ނުކުރާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން, ޑީޖޭއޭއިން ބުނެފިއެވެ.

ޑީޖޭއޭއިން މިހެން ބުނީ އައު އުސޫލާއެކު ސިޔާސީ ހަރަކާތްތަކުގައި ޝަރުއި ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވުން ހުއްދަވެއްޖެކަމަށް މީޑިޔާގައި ރިޕޯޓްކުރަމުންދާތީ އެކަން ސާފުކޮށް ދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެއްކަމަށާއި އަލަށް އަމަލުކުރަން ފެށި ކޯޑު އޮފް ކޮންޑަކްޓްގެ ދަށުން އެކަން ބަދަލުވެފައި ނުވާކަމަށެވެ. ޑީޖޭއޭއިން ބުނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި މަނާ ކަމެއް ނޫންކަމަށެވެ.

"އުވައިލެވުނު ބާބު 27 ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން" ގައި ވެސް ކަން އޮތީ އެހެންނެވެ. ގަވާއިދުގެ 243 (އުވާލެނު ބާބުގައި ހިމެނޭ މާއްދާއެއް) ގައި ޝަރުއީދާއިރާގެ މުވައްޒަފުންގެ މައްޗަށް މަނާވެގެންވާ ސިޔާސީ ކަންކަން ބަޔާންކުރެވިފައިވާ އިރު، އިސްވެދެންނެވުނު ކަންކަން މަނާކުރެވިފައި ނުވެއެވެ. މިސާލަކަށް، އެ މާއްދާގެ (ކ) ގައި ވޯޓުލާ މަރުކަޒަށް މީހުން ގެންދިއުން އެއީ މަނާ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައި ވީ ނަމަވެސް "ނަސަބުގެ ގޮތުންނާއި މުޞާހަރާގެ ގޮތުން ގާތްތިމާގެ މީހުން" ވޯޓުލާ މަރުކަޒަށް ގެންދިއުން އިސްތިސްނާކޮށްފައިވެއެވެ. ވީމާ، މިއީ އާ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން އަލަށް ހުއްދަވީ ކަންކަމެއް ނޫނެވެ." ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ ޝަރުއީދާއިރާގެ މުވައްޒަފުންގެ އައު ކޯޑް ކޮންޑަކްޓްގެ 3 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން، ޝަރުއީދާއިރާގެ މުވައްޒަފުންގެ އިމްޕާޝަލިޓީއާ ބެހޭ ގޮތުން ސުވާލު އުފެދިދާނޭ އެއްވެސް ކަމެއް ކުރުން ވަނީ މަނާކުރެވިފައިކަމަށެވެ.

ޑީޖޭއޭއިން ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކިބައިން އުއްމީދުކުރާ އަހްލާގީ މަތީ މިންގަނޑު (މަސައްކަތުގެ މާހައުލުގައްޔާއި ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އުޅުމާއި ގުޅުންތައް ބަހައްޓަންޖެހޭ އަހްލާގީ މަތީ މިންގަނޑު) ރަނގަޅަށް ބަޔާންވެފައި އޮތުމަކީ ފަނޑިޔާރުގޭގެ މިނިވަންކަމާއި ވަކިއަތަކަށް ނުޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން، ޝަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ އެކި ތަންތަނުގައި ބަޔާންކޮށްފައިވާ ސުލޫކީ ކަންކަން އާ ކޯޑެއްގެ ދަށަށް ގެނެސް، އައު އުސޫލުތައް ތައާރަފުކޮށް ނެރެފައިވާ ކޯޑާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދޭނެކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަދި އެ ކޯޑުގެ ތައާރަފްގައި ބަޔާންކޮށްފައިވާ ފަދައިން، އެއީ ޝަރުއީދާއިރާއަށް އާއްމުން ކުރާ އިތުބާރާއި އިހްތިރާމް ދެމެހެއްޓުމުގެ މަގްސަދުގައި އެކުލަވާލި ކޯޑެއްކަމަށް ޑީޖޭއޭއިން ބުނެއެވެ.

މި ކޯޑާއެކު ޝަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމުގެ ސަބަބުން މިހާރު ދިމާވަމުންދާ އެތައް ކަމަކަށް ހައްލު ލިބި އޮޅުންތައް ފިލައި މުވައްޒަފުންނަށް ކަންކަން ސާފުވެގެން ދާނެކަމަށާއި މި ކޯޑުގައި ސިޔާސީ ގޮތުން މަނާ ކަންކަމުގެ ދިގުލިސްޓެއް ހިމެނުމުގެ ބަދަލުގައި ސިޔާސީ ހުރިހާ ހަރަކާތެއް އޭގައި ހިމެނޭ ގޮތަށް މިހާރު ވަނީ ސިޔާސީ ކަންކަން މަނާކުރެވިފައި ކަމަށްވެސް ބަޔާނުގައެވެ.



ކިޔުންތެރިންގެ ހިޔާލު