ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތަކުން މަޖިލިސް މެންބަރުން ބޭނުންވާ މީހުންނަށް ފްލެޓް ދޭން ފުރުސަތު ދީފައިވާކަމަށް ބުނާ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

ސަރުކާރުން މިކަން ދޮގުކޮށްފައި މިވަނީ އެ ލިސްޓުތައް ނެރުމުގެ ކުރިން، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބޭނުންވާ މީހުންނަށް ފްލެޓްތައް ދިނުމަށް ފުރުސަތު ދީފައިވާކަމަށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މެމްބަރުން ބޭނުންވާ މީހުން ފްލެޓް ލިސްޓަށް އިތުރުކުރާކަމަށް ބުނެ ދެކެވެމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި މަޖިލިސް މެންބަރަކަށްވެސް، އަދި އެއްވެސް މީހަކަށް ފްލެޓް ލިސްޓަށް މީހުން އިތުރުކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އީދު ބަންދުގެ ކުރިން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމުކުރާށެވެ.

ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ. ސަރުކާރުން ވަނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު