ފުރައްސާރަކޮށް ހަނގާކުރުމަކީ، ބަލައިގަނެ، އަޑުއަހާ އެންޓަރޓެއިން ކުރެވޭ ކަންކަމެއް ނޫންކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރަކަށް އައިސް ވަރަށް ގިނަ ބޭފުޅުން ސޯޝަލް މީޑިއާ ބޭނުން ކުރައްވާތަން ފެންނަނީ މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން މުއާމަލާތްކޮށް، ހަނގާކޮށް، ފުރައްސާރަ ކުރައްވަން ކަމަށެވެ.

ފޭސްބުކްފަދަ މީޑިއާތަކަކީ އޭގެ ރަނގަޅު ގޮތުގައި ބޭނުން ކުރުމުން މީހުންނަށް އަވަހަށް މައުލޫމާތު ފޯރު ކޮއްދެވޭ މުހިންމު ވަސީލަތެއް ކަމަށާއި، އޭގެ ބަދަލުގައި މީހުންނަށް ފުރައްސާރަ ކޮށް، ޖެއްސުންކޮށް، ހަނގާ ކުރުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ސަބަބުން މީހުންނަށް ނަފްސާނީ ގޮތުން، އަދި ޖިސްމާނީ ގޮތުންވެސް ގެއްލުން ލިބިފައި އެބަހުރި ކަމަށް ރޮޒައިނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އަދި އޭނާ ހިންގާ ޕޭޖްގައި ބިނާކުރަނެވި ފާޑުކިއުން ބަލައިގަނެވޭނެ ކަމަށާއި، ރީތި ބަހުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަވެސް ބަލައިގަނެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

"ނަމަވެސް ހުތުރު ބަހުން މުއާމަލާތްކޮށް، ފުރައްސާރަކޮށް ހަނގާ ކުރާ ފަރާތްތައް ބްލޮކް ކުރެވޭނެ. މިފަދަ އަމަލު ތަކަކީ ބަލައިގަނެ، އަޑުއަހާ، އެންޓަޓެއިން ކުރަންޖެހޭ ކަންކަން ކަމުގައި ނުދެކެން! މި ޕޭޖްގައި ކޮމެންޓްކުރައްވާ އަޅުގަނޑަށް ހިއްވަރުދެއްވާ ފަރާތްތަކަށާ، ބިނާކުރެނެވި ގޮތުގައި ފާޑު ވިދާޅުވާ އިދިކޮޅު ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން!" ރޮޒައިނާ ވިދާޅުވިއެވެ.

ފުރައްސާރަކުރުން ބަލައި ނުގަނެވޭނެކަމަށް ރޮޒައިނާ ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި އެކި ފަރާތްތަކުން މަލާމާތާއި ފުރައްސާރަ އަދި ހަނގާ ކުރުމުގެ ގޮތުން ކޮށްފައި ހުންނަ ކޮމެޓްތަކާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު