މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ މައްޗަށް އިދިކޮޅު ޕީޕީއެމުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ރަށްރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭ ގޮތަށް އޮތްނަމަވެސް، އަހަރަކު އެއް ފަހަރު އެފަދަ ބައި އިލެކްޝަންތައް ބޭއްވެވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ ބައި-އިލެކްޝަންތައް ބާއްވާފައި ވަނީ މިއަދުއެވެ.

ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އައްޔަންކުރުމަށް އިލެކްޝަންސް ކޮމިޝަނުން 11 ދާއިރާއެއްގައި އިލެކްޝަން ބާއްވަން އިއުލާންކުރިއެވެ. އޭގެތެރެއިން އެކަކަށްވުރެ ގިނަ ނަން ހުށަހަޅައިގެން އިންތިހާބު ބާއްވާފައި ވަނީ 8 ރަށެއްގައެވެ. 3 ދާއިރާއަކަށް ޕީޕީއެމް ފިޔަވައި އިތުރު ބަޔަކު ވާދަނުކުރުމުން އެ 3 ގޮނޑި ވަނީ ޕީޕީއެމްއަށް ލިބިފައެވެ. އެއީ ރ.މީދޫ، ށ.މާއުނގޫދޫ އަދި ގއ.ދެއްވަދޫއެވެ.



މިއަދު ވަނީ ބާކީ 8 ރަށުގައި އިންތިހާބު ބާއްވާފައެވެ. އެއީ ހދ. ފިނޭ، ރ. އަނގޮޅިތީމު، ކ. ދިއްފުށި، އއ. ފެރިދޫ، މ. ވޭވަށް، ތ. ގާދިއްފުށި، ލ. މާމެންދޫ، އަދި ގދ. ހޯނޑެއްދޫއެވެ.

މި 8 ދާއިރާގެ ތެރެއިންވެސް ޕީޕީއެމުން ވަނީ 5 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އެންމެ 2 ގޮނޑިއެވެ. އަމިއްލަ ކެންޑިޑޭޓެއް ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިއަދަށް ހުޅުވާލި 11 ބައި އިލެކްޝަންގެ ތެރެއިން ޕީޕީއެމް އިން ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު