މިހާތަނަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުތައް ކާމިޔާބުކޮށްފައިވަނީ އަދާލަތުން ތާއިދުކުރި ކެންޑިޑޭޓުން ކަމަށް އަދާލަތު ޕާޓީގެ ނައިބްރައީސް އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޢަދާލަތު ޕާޓީގެ ރައީސް ޝައީޚް ޢިމްރާން ޢަބްދުالله ޕާޓީގެ ބައެއް މެންބަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އިއާދު ވިދާޅުވީ ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްވެސް ކާމިޔާބު ކުރެވފިައިވަނީ އަދާލަތު ޕާޓީން ތާއިދުކުރި ކެންޑިޑޭޓުންނަށް ކަމަށެވެ. އެހެންކަމުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން ތާއިދުކުރާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބު ކުރަން އަދާލަތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް. ގައުމުގެ ކަންކަން ހަމަމަގުން ގެންދިއުމުގައި އަދާލަތު ޕާޓީން ކުޅޭ ދައުރަކީ އިންސާފުވެރިކަމާއެކު ވިސްނާ ބޭފުޅަކު ހެޔޮ ހިތުން ގަބޫލުކުރައްވާނެ ދައުރެއް. މި ސަބަބަށްޓަކައި ވެސް ކުރިއަށް އޮތް 5 އަހަރަށް އުފެދޭ ސަރުކާރަކީ ވެސް އަދާލަތު ޕާޓީގެ ފުރިހަމަ ބައިވެރިވުން އޮތް ސަރުކާރަކަށް ހެދުމަށް، މި ސަބަބަށްޓަކައި ރައީސް ޞާލިހަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭނީ." އިއާދު ވިދާޅުވިއެވެ.

އިއާދު ވިދާޅުވީ މިފަހަކަށް އައިސް ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު، ސިޔާސީ މަސްރަހުގެ މަންޒަރު މިވަނީ ކުރިއަށްވުރެ ބޮޑަށް ސާފުވެފައި ކަމަށެވެ. އެކި ބޭފުޅުން ތިއްބެވި ހިސާބު ސާފު ކަމަށާއި، މިވަގުތަކީ އެންމެން އެކީ އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް އިއާދު ވިދާޅުވިއެވެ.

އިއާދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރަސްމީ ކެމްޕޭން ފެށުމަށް ހަމެޖެހިފައިވަނީ އީދު ބަންދަށްފަހުގައި ކަމަށާއި، އަދާލަތުން ކުރަމުން ދަނީ ކެމްޕޭނަށް ވާންޖެހޭ ތައްޔާރީތައް ކަމަށެވެ. އަދި އީދަށްފަހު ވަރަށް ފޯރިއާއެކު ކެމްޕޭން ޖަލްސާތައް ކުރިއަށްދާނެ ކަމަށާއި، ގުޅިފައިވާ ޕާޓީތަކާއެކީގައާއި އަދި ވަކިންވެސް ހަރަކާތްތައް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު