ބޭނުން ވަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފެއްދުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޢަދާލަތު ޕާޓީގެ ރައީސް ޝައީޚް ޢިމްރާން ޢަބްދުالله ޕާޓީގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާ ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕާޓީ އުފެދުނު އިރު ފުރަތަމަ ވިސްނުމަކީ ބަޔަކު ވެރިކަމުން ބޭލުމާއި ބަޔަކު ވެރިކަމަށް ގެނައުން ނޫން ކަމަށާއި، ވެރިކަން ކުރުމެއް ވެސް ނޫން ކަމަށެވެ. އަދާލަތު ޕާޓީން ކުރިން މަސައްކަތް ކުރީ ގައުމު އިސްލާހު ކުރުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިހާރު ބޭނުން ވަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފެއްދުން ކަމަށެވެ. އަދި އެކަން ކުރުމަށް ކުރަހާފައިވާ މަގު ވަރަށް ސާފުކަމަށް ވިދާޅުވިއެވެ.

"އެ މަގާ ހަމައަށް ދަތުރު ކުރެވޭނީ މިއަދުއްސުރެ ފެށިގެން އެ މަގުން ދަތުރުކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާބިތުކަމާއި ހަމަކަމާއެކު އަޅައިގެން ކުރިއަށް ގެންގޮސްގެން. އަޅުގަނޑުމެން މި ތިބީ އެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕޭންގެ މަސައްކަތް ވަރަށް ބާރަށް ގެންދެވޭނެ ކަމަށެވެ. މިއަދުވެސް ވަނީ އެކަމަށް ތައްޔާރުވެފައި ކަމަށާއި، މިވަގުތު ރިޔާސީ ރޭހަށް ނުކުންނަަށް ތިބި ކެންޑިޑޭޓުންނަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާާހިމް މުހައްމަދު ޞާލިހުގެ ޓީމް ވަނީ މާބޮޑަށް ވެސް ތައްޔާރުވެފައި ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންވަނީ ކެމްޕޭންގެ ހުރިހާ ތައްޔާރީތަކެއް ނިމުމަކަށް އައިސްފައި. އަޅުގަނޑުމެންގެ ދަތުރުތައް ވަނީ ރޭވިފައި. ކެމްޕޭންގެ ހަރަކާތްތައް ވަނީ ޝެޑިއުލް ކުރެވިފައި. މެނިފެސްޓޯގެ މަސައްކަތް ދަނީ ނިމެމުން. މިހސާބަކަށް އެހެން އެއްވެސް ކެނޑިޑޭޓެއްގެ ޓީމަކަށް ކައިރިވެސް ނުވެވޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިކަންކަން މިހެން ހުރުމުން، އެހެން ހުރިހާ ކެންޑިޑޭޓުންނަށްވުރެ ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިކަން ރަނގަޅަށް ކުރިއަށް ގެންދެވިއްޖެއްޔާ، ﷲގެ ރަހުމަތާއެކު އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެއީ ވަރަށް ބައިވަރު މަސައްކަތް ކަމަށެވެ. ވަރަށް ބޮޑު ކޮމިޓްމެންޓް، ވަރަށް ބައިވަރު ގުރުބާނީ އަދި ހިތްވަރެއް ކަމަށާއި، މި މަސައްކަތް ކުރުމުގައި އިސްލާމީ މުޖްތަމައު ނުވަތަ ލަޝްކަރު އުފެދެނީ ކޮމާންޑަރާއި ހިނގާފައިދާ ހަނގުރާމަވެރިޔާ ވެސް ލައިގެން ކަމަށެވެ.

"ކޮމާންޑަރުން، އަސްވާރުން، ޖަމަލުމަތީ ހަނގުރާމަ ކުރާ މީހުން، ހިމާރު މަތީގައި ހަނގުރާމަ ކުރާ މީހުން އަދި ހިނގާފައި ދުނިދަނޑި ޖަހާ މީހުން ވެސް އެކުލެވިގެން. އެގޮތަށް ގޮސް ލަޝްކަރު ކާމިޔާބުކުރާނީ. ހުރިހާ އެންމެން ކޮމާންޑަރުންނަށް ނުތިބޭނެ. ހުރިހާ އެންމެން އަސްވާރުންނަށް ނުތިބޭނެ. ހުރިހާ އެންމެން ޖަމަލު މަތީގައި ނުތިބޭނެ. ފައިމަގުގައި ހަނގުރާމަކުރާ މީހުން ތިބެގެން ލަޝްކަރެއް ކާމިޔާބު ކުރެވޭނީ. މިކަން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގެންވާނެ. އޭގެ މާނައަކި ފަހަރެއްގައި ވެސް ކުރީގައި ހުންނަ ކޮމާންޑަރު ފަހަތުގައި ހުންނަ ނިކަމެތި ހުންނަ މީހާ ނިކަމެތިކޮށް ދެރަކޮށް ބަލިކަށި ކޮށްލުމެއް ނޫން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ﷲގެ ހަޒުރަތުގައި އެންމެ ތަގުވާވެރި މީހަކީ، އެންމެ ބާރުވެރި އަދި މުއްސަނދި މީހެއް ނޫން ކަމަށެވެ. އެކަމަކު މަސައްކަތް ކުރުމުގައި އެކި ދައުރު ބެހިފައި އޮންނަ ކަމަށާއި، ދައުރު ކުޑަވެގެން މަސައްކަތް ނުކޮށް ފަހަތަށް ޖެހުލުމަކީ އެންމެންގެ މަސައްކަތް ކާމިޔާބާ ހަމައަށް ދިއުމަށް މަޑުޖެހޭނެ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަޅުގަނޑުމެންގެ ގައުމު އިސްލާހު ކުރާނީ އަޅުގަނޑުމެން ކަމަށާއި، އެކަން ކުރެވޭނީ ކޮންމެ މީހެއްގެ ދައުރު އަދާކޮށްގެން ކޮންމެ މީހެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އިމްރާން ވިދާޅުވީ މިއީ ސިޔާސީ މަސައްކަތަކަށް ނުހަދާ މިއީ ދީނީ އަޅުކަމެއް އަދި ހެޔޮަކަމެއް ކަން ދެނެގެން އޭގެ ތެރޭގައި ސިޔާސީ މަސައްކަތް ލައިގެން ކުރިއަށް ދިއުމުން ދެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު