ރައްޔިތުންގެ ތެރޭގައި ފާސާދަ އުފެދޭ ގޮތަށް ކަންކަން ކުރެއްވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިޤްބާލް އާދަމް، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލަށް ނަސޭހަތް ދެއްވައިފިއެވެ.

އިޤްބާލް، މަލީހަށް މިފަފަ ނަސޭހަތެއް ދެއްވައި ޓްވީޓެއް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑު ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ.

ޖުމްހޫރީ ޕާޓީގައި އުޅުއްވުމަށްފަހު ޕީޕީއެމަށް ވަޑައިގެންނެވި މަލީހަށް ރައްދު ދެއްވައި އިޤްބާލް ވިދާޅުވީ މަލީހު އިއްޔެ ދައްކަވާ ވާހަކައާއި މިއަދު ދައްކަވާ ވާހަކަ ދިމާނުވާކަމަށާއި، އަދި މާދަމާ ދައްކަވާނެ ވާހަކައެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އިޤްބާލް ވިދާޅުވީ ސިޔާސީގޮތުން އެކި އިރު އެކި ތަންތަނުގައި ހުރުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ދައްކަވާ ވާހަކަތަކުގައި އޮއްޓަރެއް ހުންނަންޖެހޭނެ ކަމަށެވެ.



"އެކިއިރު އެކިތަނުގަ ހުންނެވުމަކީ މައްސަލައެއް ނޫން. އެހެންނަމަވެސް ދައްކާވާ ވާހަކަފުޅުގެ މިސްރާބު އަބަދުވެސް އެއްދިމާލެއްގައި ބެހެއްޓެވުމާއި، އެ ވާހަކަފުޅެއްގައި އޮއްޓަރު ހުރުމަކީވެސް ނުހަނު މުހިންމު ކަމެއް. އަދި ތެދުވެރިކަމުގެ އަގު މިހުރިހާ ކަމަކަށްވުރެ މާ ބޮޑު. ކައްޗާ ދުއްވަވަން ނުހައްދަވާ ރަނާ." އިޤްބާލް ވިދާޅުވިއެވެ.

އިޤްބާލް ވިދާޅުވީ ގެއްލިއްޖެ ކޮންމެ ވަގުތެއް ފަދައިން، ދުލުން ބޭރުވެއްޖެ ކޮންމެ ބަހަކީވެސް އަނބުރާ ގެނެވޭނެ އެއްޗެއް ނޫންކަމަށެވެ. އަދި މަލީހުގެ ހާލު އެނގޭ މީހުން މި ޤައުމުގައި މަދެެއް ނުވާނެކަމަށްވެސް އިޤްބާލް ވިދާޅުވިއެވެ. އަދި ފަސާދަ އުފެދޭ ގޮތަށް ކަންކަން ކުރެއްވުން ރަނގަޅު ނޫންކަމަށް ވިދާޅުވެ އިޤްބާލް ވަނީ މަލީހަށް ނަސޭހަތް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު