ލޮލުގެ ރީތިކަން ފުރިހަމަކޮށްދޭ އެކައްޗަކީ އެއްވަރަކަށް ވަށައިގެން އެތުރިފައިވާ އެސްފިޔަތަކެވެ. ބައެއް މީހުންނަކީ ގުދުރަތީ ގޮތުން ގަދަ އަދި ދިގު އެސްފިޔަ ލިބިގެންވާ ބައެކެވެ. ތިބާގެ އެސްފިޔަތައް މިދެންނެވި ބައިގައި ނުހިމެނޭނަމަ ދެރަނުވާށެވެ. އެސްފިޔަތައް ރީތިކޮށްދީ ދިގުކުރުމަށްވެސް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ.

މިގޮތުން އެސްފިޔައިގައި، މަސްކަރާ ބްރަޝްއިން ތެޔޮ އުނގުޅުމުން އެސްފިޔަ ދިގުވުމަށް އެހީތެރިވެދެއެވެ. ތިރީގައި މިވަނީ މިގޮތަށް ބޭނުން ކުރެވިދާނެ 4 ބާވަތެއްގެ ތެލެވެ.

1. ކާށި ތެޔޮ

ކާށި ތެލަކީ ބޮލުގެ އިސްތަށިގަނޑަށްވެސް ވަރަށް ގިނަ މީހުން ބޭނުންކުރާ، އިސްތަށިގަނޑު މޮއިސްޗަރައިސްކޮށްދޭ އަދި އިސްތަށިތައް ވަރުގަދަކޮށްދޭ އެއްޗެކެވެ. ކާށި ތެލުގައި ހިމެނޭ ފެޓީ އެސިޑްތަކާއި ވިޓަމިން ތަކުގެ ސަބަބުން ހިކިފައި ހުންން އެސްފިޔަތަކަށް ތާޒާކަން ގެނެސްދެއެވެ. ރޭގަނޑު ނިދުމުގެ ކުރިން އެސްފިޔައިގައި ކާށިތެޔޮ އުނގުޅާށެވެ. ކޮންމެ ރެއަކުވެސް ޤަވައިދުން މިގޮތަށް ކަންތައް ކުރުމުން ނަތީޖާ ފެންނާނެއެވެ.

2. އަލްމަންޑް ތެޔޮ

އާމަންޑް އޮއިލް ނުވަތަ އަލްމަންޑުން ތައްޔާރުކުރާ ތެލަކީ ބާޒާރުގައި އެކި ބްރޭންޑްތަކުން ބަންދުކޮށް ވިއްކަން ހުންނަ މަޝްހޫރު ބާވަތެއްގެ ތެލެވެ. މިތެޔޮ ބޭނުންކުރުމުން އެސްފިޔަތައް ވަރުގަދަވެ ގިނަވާނެއެވެ. މީގައި އެކުލެވޭ ވިޓަމިން ބީ، އަދި އީ އާއި އޮމެގާ-3 ފެޓީ އެސިޑްއަކީ އިސްތަށި ފެޅުމާއި ދިގުވުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

3. އޮލިވް އޮއިލް/ ޒައިތޫނި ތެޔޮ

އޮލިވް އޮއިލްއަކީ އެސްފިޔަތަކަށް ބޭނުންވާ ވިދުމާއި ތާޒާކަން ގެނުވައިދޭނެ ގުދުރަތީ ބާވަތެކެވެ. އަދި މީގައި ހިމެނޭ ވިޓަމިން އީ އާއި އޮލެއިކް އެސިޑްގެ ސަބަބުން އިސްތަށި ފެޅުމަށް އެހީތެރިވެދެއެވެ. ނިދުމުގެ ކުރިން މަސްކަރާ ބްރަޝްއަކުން ނުވަތަ ކަފަބުރަކުން އެފިޔައިގައި ކުޑަ ތެޔޮ ފޮދެއް ލުމަށްފަހު ހާކާލާށެވެ.

4. އާގަން އޮއިލް

އާގަން އޮއިލްގައި އެންޓި އޮކްސިޑެންޓްއާއި ފެޓީ އެސިޑްތައް އަދި ވިޓަމިން އީ ހިމެނެއެވެ. އެހެންކަމުން މިއީވެސް އެސްފިޔަ ދިގުކޮށްދިނުމަށާއި އެސްފިޔަތައް ވަރުގަދަކޮށްދިނުމަށް މުހިންމު ބާވަތެއްގެ ތެލެވެ. މިއީވެސް ރޭގަނޑު ނިދުމުގެ ކުރިން ބޭނުންކުރެވިދާނެ ބާވަތެކެވެ.މިއިން ކޮންމެ ވައްތަރެއްގެ ތެޔޮ ބޭނުންކުރިނަމަވެސް، ޤަވައިދުން ބޭނުންކުރަން ހަނދާން ބަހައްޓަންވާނެއެވެ. އެންމެ ދުވަހަކު މިހެން ކަންތައް ކުރުމަކުން އަދި ނަތީޖާ ނުފެނިދާނެއެވެ. މީގެއިތުރުން ގަންނަ ތެލުގައި އާޓިފިޝަލް އިންގްރީޑިއަންޓްތައް ނުހިމެނޭތޯ ކަށަވަރު ކުރުމަކީވެސް މުހިންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން