ފެންބޮޑުވާ މައްސަލަ ހައްލުކުރަން ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތަށް ކުރީ ސަރުކާރުން ހުރަސް އެޅި ކަަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ގޮތުން ހައްލެއް ހޯދުމުގެ ގޮތުން މަޝްރޫއެއް ލޯންޗުކުރީ އިއްޔެ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ރާއްޖޭގެ ދިފާއީ ބާރާއި، އާރުޑީސީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ގުޅިގެން ނެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރު އެކްސްގައި ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލެސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތަށް އޭރުގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ކައުންސިލަށް ނުލިބުނު ކަމަށެވެ.

އެހެންވެ އެ މަސައްކަތް އޭރު އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެެހެން ނަމަވެސް މި ސަރުކާރުން ވެރިކަަމަށް އައިސް ރައީސް މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށިގެން ދިޔަކަމީ މާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކާއި އުފަލެއްކަން ނަރީޝް ފާހަގަ ކުރެއްވި އެވެ.

"އެކަމަށްޓަކައި އަދުގެ ރައީސް އަށް މާލޭގެ ރައްޔިތުންގެ ނަމުގައި އާއި މާލޭސިޓީ ކައުންސިލަރުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަން! މި މަސައްކަތަކީ ސީދާ ރައީސްގެ އިސްނެގުމަށް ސަރުކާރުން ހުރިހާ ހަރަދެއްކުރާގޮތަށް ކުރިޔަށްދާ މަޝްރޫއެއް!" އޭނާ ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދަން މަސައްކަތް ފެށިއިރު ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް އަލުން ހަދަން ވަނީ ނިންމައިފަ އެވެ. އޭރުން އެ މައްސަލައަށް ދާމިމީ ހައްލެއް އަންނާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން