މާލޭގެ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ފެށުމުން މާލޭ ސިޓީގޭ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ތައުރީފް ކުރައްވައިފި އެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ގޮތުން ހައްލެއް ހޯދުމުގެ ގޮތުން މަޝްރޫއުއެއް ފެށީ އިއްޔެ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ރާއްޖޭގެ ދިފާއީ ބާރާއި، އާރުޑީސީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ގުޅިގެން ނެވެ.

އެ މަޝްރޫއާ ގުޅިގެން މޭޔަރު އާޒިމް އެކްސްގައި ވިދާޅުވީ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށް އެއްބަސްވެވުނު ގޮތުގެ މަތިން މަސައްކަތް ފެށިގެންދާކަމީ މާލޭގެ ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގައި ބައިވެރިވާ އެންމެހާ ސްޓޭކްހޯލްޑާޒްއަށް ޝުކުރު ދަންނަވަން" މޭޔަރު ވިދާޅުވި އެވެ.



ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލޭގެ އަމީނީ މަގުގައި ބަހައްޓާފައިވާ ޕަމްޕުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރެއިން ކުރިޔަށްދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ވެސްޓް ޕާކު ސަރަހައްދަށް ޖަމާވާ ފެން ބޭރު ކުރުމަށް ވަށައިގެން ލައިފައިވާ ތޮށިގަނޑުން ބައެއް ކަނޑައި، ޓްރެންޗެއްގެ ގޮތުގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޕަމްޕު ބޭނުން ކުރަން ޖެހޭ ހާލަތްތަކުގައި ޕަމްޕުތައް ވެސް ބޭނުން ކުރާނެ ކަމަށެވެ. ވެސްޓް ޕާކުގެ އިތުރުން އަދި އިތުރު ދެ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް މުއްޠަލިބު ފާހަަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން