ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގް ގެ ގޮތުގައި 2016 ވަނަ އަހަރު ހުޅުމާލޭގައި ތަރައްގީ ކުރަންފެށި ކޭޕާކް ރެސިޑެންސްގެ ޚިޔާނާތާއި ގުޅިގެން އެތައް ބަޔަކަށްވަނީ މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭޕާކުން 110 އެޕާޓްމަންޓް ތަރައްޤީކުރާއިރު، އެއަށްވުރެ އިތުރަށް 60 އެޕާޓްމަންޓް ވަނީ ވިއްކާފައެވެ. ކޭޕާކުން އެތައް ބަޔަކު ބޮޑު އަގުގައި އެޕާޓްމެންޓްތައް ގަނެފައިވާއިރު، ހިލޭ އެޕާޓްމަންޓް ލިބުނު ބަޔަކުވެސް އުޅޭކަމުގެ އަޑުތަކެއް ދަނީ ދައުރުވަމުންނެވެ.

މިޚިޔާނާތުގެ މުގުލުގައި ހުރިކަމަށް މަޝްރޫޢުގެ މައި ކޮންޓްރެކްޓަރ ހަންބޯ ޓެކް ކުންފުނިން ތުހުމަތު ކުރަނީ ރަހްމަތްތެރިންނާއެކު ގޭމް ކުޅުމަށް ފަހު 50000 ރުފިޔާގެ ނޫޓުބޮނޑި ހަދިޔާއަކަށް އެއްލާ މަންޑޭއަށެވެ. މަންޑޭ އަކީ މިމަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ ފަސް އިންސައްތަ ޙިއްސާދާރެވެ. ބާކީ 95 އިންސައްތަ ހިއްސާދާރަކީ އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ.

ކޭޕާކްގެ ޚިޔާނާތާއި ގުޅިގެން ނިއުޅެމުންދާ މަޢުލޫމާތަށް ބަލާއިރު މަންޑޭ ވަނީ އެއްވެސް އަގަކާއި ނުލައި މި ޖަރީމާ ހިންގުމަށް އޭނާއަށް އެހީތެރިވި ފަރާތްތަކަށް ހިލޭ ސާބަހަށް އެޕާޓްމެންޓުދީ އަދި އެމީހުން ފައިސާ ދެއްކި ކަމަށް ޑޮކިއުމެންޓް ހަދާދީފައެވެ.

މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ފަހަކަށްއައިސް އުޅެފައިވަނީ މުއްސަދި ދިރިއުޅުމެކެވެ. މަމްދޫހްގެ އެކުވެރިއަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފައިވަނީ އެޕާޓްމެންޓްތައް ވިއްކައި މިބޮޑު ޖަރީމާ ހިންގުމަށް މަމްދޫހަށް އެހީތެރިވެދިން ފަރާތްތައް ފައިސާ ދައްކައިގެން އެޕާޓްމެންޓްތައް ގަތްކަމަށް ޑޮކިމެންޓް ހަދައި ހިލޭ އެޕާޓްމެންޓްތަކާއި ގަރާޖްތައް ދީފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"ހަގީގަތުގައި މަމްދޫހަކީ މިކަހަލަ ބޮޑު މުޢާމަލާތެއްގައި މީހަކު އިތުބާރު ކުރާނެ މީހެއް ނޫން. އެހެންކަމުން އިތުބާރުހިފޭ މަގާމްތަކުގައި ތިބިފަރާތްތަކެއް މިޖަރީމާ ހިންގުމަށް މަމްދޫހަށް ގިނަ އަދަދެއްގެ އެޕާޓްމެންޓްތައް ވިއްކައިދިނީ. ބަދަލުގެ ގޮތުގައި މަމްދޫހުވަނީ އެފަރާތްތަކަށް އެޕާޓްމެންޓްތަކާއި ގަރާޖާއި ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ދީފައި." އޭނާ ކިޔައިދިނެވެ.

މަމްދޫހު މިހާރު ދައްކަމުންދާ ވާހަކަތަކުން މިބޮޑު ޖަރީމާ ހިންގުމުގެ ފަހަތުގައި ބަޔަކު ވާކަން ޝައްކެއްނެތް މިންވަރަށް ސާފުވާކަމަށް މަންޑޭގެ ރަޙުމަތްތެރިޔާ ބުންޏެވެ. އަދި ފުލުހުންގެ ތަހްގީގުން ހިލޭ އެޕާޓްމެންޓްތައް ދިން ފަރާތްތަކާއި ކޭޕާކް އެޕާޓްމެންޓްގެ މިބޮޑު ޖަރީމާ ހިންގައިގެން ލިބުނު ފައިސާތައް ބެހިގެން ދިޔަ ގޮތް ސާފް ވެގެންދާނެ ކަމަށް މަންޑޭގެ ރަޙުމަތްތެރިޔާ މަޢުލޫމާތުދެއެވެ.

މިޚިޔާނާތުގެ ފަހަތުގައި ތިބި މީހުންގެ މަޢުލޫމާތު މަންޑޭ ދަނީ ފުލުހުންނަށް ކިޔައިދެމުންކަމަށާއި މިޚިޔާނާތާއި ގުޅިގެން ހަމައެކަނި މަންޑޭއަށް އަދަބު ލިބުމަކީ އިންސާފު ނޫން ކަމަށްވެސް މިކަމުގެ މަޢުލޫމާތު އެނގޭ މަންޑޭގެ ރަޙުމަތްތެރިޔާ ވަނީ ބުނެފައެވެ.

"މަމްދޫހާއި ގުޅިގެން މިޖަރީމާ ހިންގައި އެޕާޓްމެންޓްތައް ވަގު ޑޮކިއުމެންޓު ހަދައި މިލްކްކޮށް، އެޕާޓްމެންޓްތަކާއި ގަރާޖްތައް ވިއްކައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މީހުން ވެސް ހޯދައި ހައްގު އަދަބު ދޭން ޖެހޭނެ." އޭނާ ކިޔައިދިނެވެ.

ހަމައެއާއެކު މިޚިޔާނާތުގެ ޙަޤީޤަތް ތިލަކުރުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިޖަރީމާގެ ތެރެއިން ފޯޖް ޑޮކްމެންޓްތައް ހަދައިގެން އެޕާޓްމެންޓް ހޯދައިގެން ތިބި މީހުންވެސް އެޕާޓްމެންޓްތަކުގެ މިލްކްވެރިކަމަށް ދައުވާ ކުރުން ކަމަށްވެއެވެ.

މި ބޮޑު ޖަރީމާ ހިންގުމުގެ ތުހުމަތުގައި މަމްދޫހާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި ތަހުގީގް ކުރިޔަށް ދާއިރު، މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް އިންސާފްގެ ކުރިމައްޗައް ގެނެވި ހައްގު އަދަބު ލިބެން ޖެހެއެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން