އެންމެންވެސް އެދެނީ އުމުރުދުވަހު ލޯބިން އެކުގައި އުޅޭނެ ބައިވެރިއެކެވެ. ރާއްޖެއަކީ ވަރި އިންތިހާއަށް ގިނަ ޤައުމެކެވެ. އެހެންނަމަވެސް، ތިމާގެ ސިކުނޑިއާއި ހަށިގަނޑަށް ކުޅަދާނަކަން ލިބިގެންނުވާ މިންވަރަށް ކައިވެނީގައި ހައްލުނުވާ މައްސަތައް ގިނަވުމުން އެކަމުން ސަލާމަތް ހޯދުމަށް ކައިވެނި ރޫޅާލުމަކީ މައްސަލައެއް ނޫނެވެ.

މިލިޔުމުގައި މިވަނީ ކައިވެނީގައި ދެމިނުހުރެވޭ ހާލަތްތަކާއި ބެހޭގޮތުން ސައިންސުވެރިން ހޯދި ހޯދުންތަކުގެ މައްޗަށް ބްރައިޓް ސައިޑުން ލިޔެފައިވާ އާޓިކަލްއެއްގައި ހިމަނާފައިވާ އާދަޔާ ޚިލާފު ކަންތައްތަކެކެވެ.

1. ކުޑައިރުގެ ފޮޓޯތަކުގައި ހިނިތުންވުން މަދުވުން؛ ކުޑައިރުގެ ފޮޓޯތަކަށް ބަލައި ވަރީގެ އަދަދު އަޅާކިޔައި ސައިންސުވެރިން މީހުންގެ ކުޑައިރުގެ ފޮޓޯތައް ދިރާސާކޮށް އެންމެ ބޮޑަށް ހެވިފައިތިބޭ ކުދިންނަށް 10 އެންމެ ކުޑަކޮށް ހެވިފައި ނުވަތަ ނުހީ ތިބެ ފޮޓޯ ނެގި މީހުންނަށް 1 ގެ ރޭޓުން ރޭޓު ކުރިއެވެ. މިދިރާސާއިން ދައްކާގޮތުގައި 10 ލިބުނު އެއްވެސް މީހެއްގެ ކައިވެނި ރޫޅިފައެއް ނެތެވެ. އަދި މިލިސްޓުގައި ހިމެނުނު މޫނު ކުނިކޮށްގެން ތިބި މީހުންގެތެރެއިން ކޮންމެ 4 މީހަކުން އެކެއްގެ ކައިވެނި ވަނީ ރޫޅިފައެވެ.

2. 'އިމޯޝަނަލް' ވާ ގަޑީގައި ވާހަކަ ދެއްކުމުގެ ރާގު؛ ކޮމްޕިއުޓަރ އަލްގޮރިދަމްއަކުން ދެމަފިރިއަކު ވާހަކަ ދައްކާއިރު ގެންގުޅޭ އަޑާއި ރާގަށް ބަލައި އެކައިވެނި ދެމިއޮންނާނެތޯ ނޫންތޯ ބެލުމަށް ކުރެވުނު ޓެސްޓުން %79 'އެކިއުރެސީ' އާއިއެކު ދިމާވެއެވެ. މިގޮތުން ކައުންސިލިން ނަގަމުންދިޔަ 100 ދެމަފިރިން ހިމެނޭހެން ޓެސްޓެއް ހަދައި އެމީހުންގެ ކައިވެނީގެ ހާލަތު 5 އަހަރު ވަންދެން މޮނިޓަރު ކުރިއެވެ. މިގޮތުން މިދިރާސާއިން ނިންމާފައިވާގޮތުން ދެމަފިރިން އެކަކު އަނެކަކާއި ފުންމާފައި އެކަކު އަނެކަކަށްވުރެ މޮޅުވާން ވާހަކަ ދެއްކުމާއި ބުނާ އެތި ރަނގަޅު ވިޔަސް ބުނެވޭ ގޮތާއި ރާގަކީވެސް ދެމަފިރިންގެ ކައިވެނީގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީއަށް ވާސިލްވާނެ ކަމެކެވެ.

3. އަނެއް ޖިންސުގެ މީހުންނާއިއެކު މަސައްކަތްކުރުން؛ ޑޭނިޝް ރިސާޗަރުން ބުނާގޮތުގައި ވަޒީފާގައި އަންހެނުން ފިރިހެނުންތެ ތެރޭގައި އަދި ފިރިހެނުން އަންހެނުންގެ ތެރޭގައި މަސައްކަތްކުރާ މީހުންގެ %15 ކައިވެނި ރޫޅެއެވެ. މިއީ ޑެންމާކުގައި 1981 ން 2002 އަށް ކައިވެނި ކޮށްފައިވާ މީހުންގެ ބޮޑު އާބާދީއެއް ދިރާސާކޮށް ހެދިފައިވާ ދިރާސާއެކެވެ. މިގޮތުން މިސަބަބާއިހުރެ 100،000 މީހުންގެ ކައިވެނި ވަނީ ރޫޅިފައިކަން ފާހަގަވެފައިވެއެވެ.

4. މަންމަ ދަރިފުޅު ބޮޑުކުރިގޮތުން؛ އާއްމުކޮށް ކައިވެނީގައި ދެމިނުހުރެވޭނެ ކަމަށް ނިންމައި އެކައިވެނި ރޫޅާލުމަށް ކޯޓަށް ދަނީ އަންހެނުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި އަންހެންދަރިން އެމީހުންގެ މައިންބަފައިންގެ ފުށުން ކަންތައްތައް ދަސްކުރާތީ އެމީހުންގެ ދިރިއުޅުން ކޮޕީ ކުރެއެވެ. އަދި ކައިވެނިތަކުގައި ދެމިނުހުރެ ކައިވެނި ރޫޅޫމާއި ގިނަ ބައިވެރިން ހޯދައި ވާހަކަ ދައްކާ އުޅުމުން ބޮޑެތިވެފައިތިބި ދަރިން އެމީހުންގެ ދިރިއުޅުމުގައިވެސް އެގޮތަށް އުޅެން ފަށައެވެ.

5. ދެބަސްވާހިނދު ކަންކަން ހައްލު ނުކުރުން؛ ޖޯޖު ގޮޓްމަން ކައިވެނި ރޫޅެން ދިމަވާ މައްސަލަތައް 4 ބަޔަކަށް ބަހައެވެ. އެއީ ޤަދަރުކުޑަވުން، 'ވިކްޓިމް މެންޓަލިތީ' ނުވަތަ އަބަދު ދެރަގޮތް ދިމާވާކަމަށް އެކަކު ޤަބޫލުކުރުން، އެކަކު އަނެކަކު ހާސިލް ކުރަން ބޭނުންވާ ކަންކަމުގައި އެއްބާރުލުން ނުދީ މަލާމަތްކުރުން، އަދި ކަންކަން ހައްލު ނުކުރުމެވެ. ދެބަސްވާ ކޮންމެ ފަހަރަކު، ބައިވެރިޔާއާއި ދެބަސްވެ ޒުވާބަކަށް ހިނގައިދާނެތީ ވާހަކަ ނުދައްކާ އަޅާނުލާ ހުރުމަކީ ފަހުން ބޮޑެތި މައްސަލަތަކެއް ޖެހިދާނެ ކަމެކެވެ. އަދި ގިނަ ދުވަސްވާ ވަރަކަށް ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ގިނަވެ އެކަކު އަނެކެއްގެ މަތިން ފޫހިވެދާނެއެވެ.

6. އަނބި މީހާގެ އެކުވެރިންނާއި ބެހޭގޮތުން ފިރިމީހާ ނައްސި ވިސްނުން ގެންގުޅުން؛ 16 އަހަރަށްވުރެ ގިނަދުވަސްވީ ކައިވެނިތަކުގައިތިބި 373 ބައިވެރިންގެ ދިރިއުޅުން ދިރާސާކޮށް ސައިންސުވެރިން ހޯދިހޯދުންތަކުން ދައްކަނީ 16 ވަނަ އަހަރާއި ހަމައަށް %46 މީހުންގެ ކައިވެނި، އެކުވެރިންނާއި ގުޅޭ މައްސަލަތަކުގެ ސަބަބުން ރޫޅިގެންދާ ކަމަށެވެ. އަދި ކައިވެނީގެ ފުރަތަމަ އަހަރުގައި މިގޮތަށް ފިރިމީހާގެ ފަރާތުން ފެންނަ ކަންކަމުން މުސްތަޤުބަލުގައި ދެމީހުންގެ ދިރިއުޅުން ތަޞައްވުރު ކުރެވިދާނެއެވެ. ސައިންސުވެރިން ހާމަކުރާގޮތުގައި އަންހެނުންނަކީ އެމީހުން 'އިމޯޝަނަލް ނީޑްސް' ނުވަތަ ނަފްސާނީ ގޮތުން އެހީތެރިކަން ހޯދުމަށް އެކުވެރިން ގެންގުޅޭ ބައެކެވެ. އެހެންނަމަވެސް ފިރިހެނުން އެކުވެރިން ގެންގުޅެނީ އެކުގައި ފުޓުބޯޅައާއި ސްޕޯޓްސް އާއި ވިޔަފާރިފަދަ އެކިކަންކަމާއިމެދު މަޝްވަރާކުރުމާއި ހިތްހަމަޖައްސާލުން މިކަންކަމުގެ ތެރެއިން ހޯދުމަށެވެ. އެހެންކަމުން، އަނބިމީހާގެ ރައްޓެހިން ބަދަލު ކުރުމަކީ ފަސޭހަކަމެއް ކަމުގައި ހީވިނަމަވެސް މިފަދަ އެކުވެރިން ދޫކޮށްލަން އަނބިންނަށް ވަރަށް އުނދަގޫވާނެއެވެ.

7. ކައިވެނީގެ ކުރީކޮޅުގައި މާބޮޑަށް ލޯބިކުރުން؛ ޓެޑް ހިއުސްޓަން ނަމަކަށް ކިޔާ ސައޮކޮލިޖިސްޓަކު، 13 އަހަރުވީ ކައިވެނީގައި ތިބި 168 ދެމަފިރިން ދިރާސާކުރިއެވެ. މި ދިރާސާއަށް ފަހު އިންޓަރ ޕާސަނަލް ރިލޭޝަންސް އެންޑް ގްރޫޕް ޕޮސެސެސް ޖާނަލް 2001 ގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައިވާގޮތުން ކައިވެނީގެ ކުރީކޮޅުގައި 'އިންޓެސް އެފެކްޝަން' ނުވަތަ މާބޮޑަށް ލޯބިކުރާ މީހުން ފުރަތަމަ 7 އަހަރު ތެރޭގައި ވަރިވެއެވެ. މިދިރާސާއިން ބުނަނީ ފުރަތަކޮޅު އެހާ ބޮޑަށސް ލޯބިކުރުމުން، ދުވަސްވާވަރަކަށް އެގޮތަށް އެކަން ދެމެހެއްޓުމަކީ ގިނަ މީހުންނަށް އުނދަގޫކަމަކަށް ވެގެންދާތީއެވެ. 'ފިލްމުތަކުގައިވާ ގޮތަށް މާލޯބިވެގެން ފުރަތަމަ ދުވަސްކޮޅުގައި އުޅޭ ދެމަފިރިންނަށްވުރެ ހޮލީވުޑް ސްޓައިލަށް ފުރަތަމަ ދުވަސްކޮޅު ނޫޅޭ މީހުންގެ ކައިވެނި މާބައްޖަވެރި' ސައޮކޮލިޖިސްޓް ހިއުސްޓަން ބުނެފައިވެއެވެ.

8. ފަޤީރުކަމާއި ވަޒީފާ ގެއްލުން؛

ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަކީ ކޮންމެ މީހެއްގެވެސް އަތްމަތީގައި އޮތްކަމެކެވެ. މާލީގޮތުން ހަމަޖެހިގެން އުޅޭ މީހުންގެ ކައިވެނި ތަކާއި ލިބޭ އެއްޗަކަށް ޝުކުރުވެރި ނުވާ ފަޤީރު އާއިލާތަކުގެ މީހުންގެ ދިރިއުޅުމުގައި ޒުވާބު ކުރުމާއި ހަމަނުޖެހުން އިތުރެވެ. ބައެއް މީހުންނަށް އެ ސްޓްރެސް ކޮންޓްރޯލް ނުވުމުން ކައިވެނި ރޫޅާލައެވެ.

9. ނިދާ އެނދު ހަނިވުން؛

ހަމަނިދި ނުލިބުމަކީ ދިރިއުޅުމުގައި ދިމާވާ ކަންކަންމުގެ %30-40 މައްސަލަތައް މެދުވެރިވާން ދިމާވާ ސަބަބެވެ. އެހެންކަމުން ސައިންސުވެރިން ވިދާޅުވާގޮތުގައި ދެމީހުންނަށްވެސް އުނދަގޫނުވާނެހެން ވަކިން ނުވަތަ ބޮޑު އެނދެއްގައި ނިދުމަކީ އެކަކު އަނެކެއްގެ ޝެޑިއުލް ދިމާނުވެގެން ނުވަތަ ސްލީޕް ސައިކަލް ދިމާނުވުމުން ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން