ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ގާއިމްކުރަމުންދާ 7000 ފުލެޓާއިގުޅިގެން ސަރުކާރުން ދައްކާވާހަކަތަކާއި، ތަނުން ފެންނަންހުރި ކަންކަމަށް ބަލާއިރު މި ފްލެޓްތަކުގެ ވާހަކަ ދެއްކެވުމުގައި ކޮންމެވެސް މައްސަލައެއް އުޅޭކަން ފާހަގަ ކުރެވެއެވެ. އެބުނާ 7000 ފްލެޓް އެހެރީ އަޅާފައެވެ. މިސަރުކާރު ވުޖޫދުވިއިރު ވެސް އެބުނާ ފްލެޓްތަކެއް ހުރީ ނިމުމަކާއި ގާތްވެފައެވެ. އެއީ ލޯނެއް ވިޔަސް ދަރަންޏެއް ވިޔަސް އަދި އަލިފާން ފޮށިތަކެއް ނުވަތަ ކޮތަރުކޮށިތަކެއް ވިޔަސް އެއީ ނިމިދިޔަ ސަރުކާރެއްގެ ސިޔާސަތާއި އެއްގޮތަށް އަޅާފައިވާ ފްލެޓް ތަކެކެވެ. މި ސަރުކާރަށް ވާރުތަވެފައި އޮތް ކަމަކީ އެ ފްލެޓްތައް އިންސާފުވެރި ކަމާއެކު އޭގެ ހައްގުވެރިންނަށް ދިނުމެވެ. ފެލްޓް ކުދި ވެގެން ކޮތަރުކޮށްޓަށްވެގެން ޒަމާނީ ފަރުނީޗަރާއި ތަށިމުށްޓާ ބޮޑެތި ދޮރާއި ދޮރުފަތް ނެތިގެން ބޭނުން ނޫން ފަރާތްތަކަށް މިސަރުކާރުން ބޮޑެތި ލަގްޒަރީ ފްލެޓް އަޅާފައި ދިނުން ނޫން ގޮތެއް މިހާރަކު ނެތެވެ.

ކުރީ ސަރުކާރުން އެތަން އެހެރީ ވަރަށް "ކަޑަކޮށް" ހަދާފައެވެ. ކަޑަކަމެއް ކޮށްފައެވެ. ބޮޑު ދަރަންޏެއް ބޮލުގައި އަޅުވާފައެވެ. އިމާރާތުގައި އެކަށީގެންވާ ވަރަށް ލިފްޓްވެސް ނެތީއެވެ. އެހާ ގިނަ ބަޔަކު އެއްތަނެއްގައި އުޅޭ ގޮތަށް ތޮއްޖެއްސުމުން އަންނާނެ އިޖުތިމާޢީ މައްސަލަތައް ބައިވަރެވެ. އެއީ ރަނގަޅު ދިރާސާއެއް ކޮށްގެން ހަދާފައިވާ ތަނެއްނޫނެވެ. މިއީ މި ސަރުކާރުގެ އިސް ބޭފުޅުންގެ ޝަކުވާއެވެ. އެބޭފުޅުންގެ ހުރި ކަންބޮޑުވުން ތަކެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވީއްސުރެ ބޯހިޔާވަހިކަމުގެ ވާހަކަ އަންނަ ކޮންމެ ތަނެއްގައި މިވާހަކަ ދައްކައެވެ. އަދި ވެސް ކިޔަނީ ހަމަ އެ ލަވައެވެ. އެއީ މިހާރު ބާ ލަވައެކެވެ. މިހާރު އެއީ ވަރަށް "ކަޑަ" ފްލެޓްތަކެއްކަން ނޭނގޭ ރައްޔިތަކު މިގައުމުގައި ހުންނާނެ ހެނެއް ހިއެއްނުވެއެވެ. ސަރުކާރުން ބޭނުންވާ މަންޒަރު މިހާރު ދެއްކިއްޖެ ކަމަށް ބަލާފައި އެ ފްލެޓްތައް ބޭނުން ބަޔަކުތިބިއްޔާ ދެމާ ހިނގާށެވެ.

އެތަން ހުރީ ދޮރާއި ދޮރުފަތްވެސް ނުލައެވެ. އެތެރޭގައި ތަށިމުށްޓެއްވެސް ނުޖަހައެވެ. ޒަމާނީ އަލަމާރިއެއްވެސް ނެތެވެ. ބަދިގެ ސިންކްވެސް އެހާ ކުޑައެވެ. ޒަމާނީ ބޮޑު ދޮންނަ މެޝިނެއްވެސް ނުބެހެއްޓެއެވެ. ކާޕެޓެއް ނުވަތަ މޮޅު ޓައިލްސެއް ވެސް ޕާކޭއެއްވެސް ނުޖަހައެވެ. ނޫސްވެރިން ވެސް ގޮސް އެތަން ބަލައިފިއެވެ. އެމީހަކަށް ފެނުނު ގޮތަކަށް އައިސް އެތަނާ ބެހޭ ގޮތުން ލިއެފިއެވެ. ދައުލަތުގެ މީޑިއާއަށް ފާހަގަވީ ޒަމާނީ ކަބަޑް ނެތުމާއި ސިންކް ކުޑަވުމާއި ދޮންނަ މެޝިން ބަހައްޓާނެ ތަންވެސް ނެތީމައެވެ. އެކަމަކު އެންނެ ރަނގަޅަށް މޮޅަށް އެތަންތަނުގެ ވާހަކަ ކުރިން ކިޔައިދިނީ ހަމަ އެކުދިންނެވެ.

ކުރިން އެތަން ހަވާލުވެގެން އެކަން ކުރަމުން ދިޔައީ ހައުސިންގް މިނިސްޓްރީންނެވެ. މިހާރު އެ ވުޒާރާއެއް ނެތެވެ. އެންމެ ފަހުން އެ ވުޒާރާގެ ވަޒީރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރި ދުވަހުވެސް ވިދާޅުވީ އެތަނުގެ ފިނިޝިންއަށް ބޭނުންވާ 42 މިލިއަން ޑޮލަރެއް ނުލިބިގެން އުޅޭ ވާހަކައެވެ. ކުރީ ސަރުކާރުން އޮތީ ތަނުގެ ފިނިޝިންގ ވަކިން ނިންމާ ގޮތަށެވެ. ދޮރާއި ދޮރުފަތާއި ތަށިމުށި ޖެހުން ފަދަ ކަންކަން ނިންމަން އޮތީ މި ދެންނެވި 42 މިލިއަން ޑޮލަރުގެ ތެރެއިންނެވެ. އެނގިފައިވާ ގޮތުގައި ކުރީ ސަރުކާރުން އޮތީ އެފައިސާ ލިބޭނެ މަގު ތަނަވަސް ކޮށްފައެވެ. ނަމަވެސް މިސަރުކާރަށް އެފައިސާ ލިބޭގޮތް ނުވީއެވެ. ކުރީ ސަރުކާރުން އެބައި ލައިގެން ފްލެޓް ތަކުގެ އަގު ހެދިއިރު މަހަކު ހަތް ހާސް ރުފިޔާ ދައްކާކަން ނުޖެހެއެވެ. ދެން މިހާރު ފިނިޝިން ނުހަދައި ދޭން ނިންމީ މަހަކު ހަތްހާސް ދައްކާން ނުޖެހޭ ވަރަށް ކަމަށް އެކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

މިހާހިސާބުން ތަންކޮޅެއް ކުރިއަށް ޖެހިލާނަމެވެ. ވެށިފަހި މާލެ ޕްރޮގްރާމުގައި ހިމެނޭ މަޝްހޫރު ޓާޓާ ފްލެޓްތައް ހުރި ގޮތް ވެސް މިތާގައި ދަންނަވާލާނަމަވެ. މާލޭގެ ދެސަރަހައްދެއްގައި ހަދާފައިވާ ތަފާތު ދެ އިމާރާތެކެވެ. މުޅިންވެސް ތިން ކޮޓަރިއާއި ދެ ފާޚާނާއެވެ. ފްލެޓެއްގެ ބޮޑުމިނުގައި އަށްސަތޭކަ ވަރަކަށް އަކަފޫޓެވެ. ބޭރުން ފެންނަލެއް ވަރަށް ރީއްޗެވެ. އެތެރެ ފިނިޝިންގް ވެސް ހަދާފައެވެ. އެކަމަކު ޖަހާފައި ހުރި ތަށިމުށްޓަކީ އަށްޑިހައިގެ އަހަރުތަކުގައިވެސް މާލޭގެ ގެއެއްގައި ނުޖަހާ ވަރުގެ "ކަޑަ" ތަށިމުށްޓެވެ. އެންމެ އާދައިގެ ފާހާޚާނާ ތަށްޓާއި އެންމެ އާދައިގެ މޫނުދޮންނަ ތަށްޓާއި އެންމެ އަގުހެއު އިސްކުރެވެ. މަގުމަތީ ފާރުގައި ބަހައްޓާފައި ހުރި ކުޑަދޮރުތަކުގެ ބިއްލޫރިތައް ގަދައަށް ވައިޖެހިލާއިރަށް ފައިބަނީ ބިންމައްޗަށެވެ. ވިއްކީ ދެމިލިއަން ރުފިޔާއަށެވެ. ހައުސިންގ ލޯނެއް ނަގައިގެން ބޭންކް މެދުވެރިކޮށް ފްލެޓް ގަތީމާ ހަތަރު މިލިއަނާއި ގާތަށް ފްލެޓްގެ އަގު ޖެހެއެވެ. މަހަކު ބޭންކަށް 16 ހާހަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ. ފްލެޓް ލިބުނު މާލޭގެ ގިނަ މީހުން އެތިބީ އެތަންތަން ދޫކޮށްލައިގެންނެވެ. ލޯނު ނަގައިގެން ފްލެޓް ގަނެގެން ތިބި މީހުން ކޮންމެ މަހަކު ލޯނު ދައްކާފައި ދެން ތިބެނީ "ބަނޑަށް ކުޅު ޖަހައިގެން" ނެވެ. މިހާރު ގަނެގެން ތިބި މީހުންގެ ތެރެއިންވެސް ބައެއް މީހުން އެތަނެއް ބޭނުމެއް ނޫނެވެ.

ދެން މިއޮތީ އަނެއްކާ ވެސް އެހެން ވާހަކައެކެވެ. ކުރީ ސަރުކާރުން އެބުނާ ހިޔާ މަޝްރޫޢުގައި ހިމެނުނު އެއްކޮޓަރީގެ ފްލެޓްތައް ޣައިބުވި ވާހަކައެވެ. މުއިއްޒުމެން ހައުސިންގ މިނިސްޓްރީގައި ތިއްބަވައިގެން އެވަރު ބޮޑު އޮޅުވާލުމެއް އޮޅުވާލަން ހެއު ނުވާނެ ނޫންތޯއެވެ؟ މިފަހުން ހައުސިންގގެ ކަންކަމާއި ހަވާލު ވެވަޑައިގެންނެވި އަސްލަމް ވަޒީރު އެވިދާޅުވީ އެބުނާ އެއްކޮޓަރީގެ ފްލެޓް ތަކަކީ ރައީސް ޔާމީންގެ ޚިޔާލީ ފޮލާ ކަމަށެވެ. މުއިއްޒު ފޯމު ދޫކޮށްގެން ބަޔަކަށް އެ ފްލެޓްތައް ދީ މުޅިން އޮޅުވާލެއްވީއެވެ. މުއިއްޒޫ "އޭތި ކަޑަ" ނޫންތޯއެވެ؟

އެކަމަކު މިހާރު މިއިވެނީ މުޅިން ތަފާތު އަޑު ތަކެކެވެ. ހިޔާ މަޝްރޫއުގެ ދަށުން، ރައީސް ޔާމީންގެ ސަރުކާރުގައި އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތައް އިމާރަތްކޮށްފައި ނުވާ ކަމަށް ވިދާޅުވެ ވަޒީރު އަސްލަމް ދެއްކެވި ވާހަކަތަކަކީ އެމަނިކުފާނަށް އެރި އޮޅުމެއް ކަމުގައި ވެދާނެ ކަމަށް މިހާރު އިދިކޮޅު ފަރާތްތަކުން ބުނަނީއެވެ. ނޫނީ ކުރިން ހުންނެވި ވަޒީރު އެލިޔުންތަކަށް ކޮންމެވެސް ގޮތެއް ހެއްދެވީ ކަމަށް އެކަން ދަންނަ މީހުންނަށް ކަށަވަރުވަނީއެވެ. ކަމުގެ ހަގީގަތް އެނގޭ ފަރާތްތަކުން މިހާރު އެދަނީ ހަގީގަތް ހާމަކުރަމުންނެވެ. އަދި ނޫސްވެރިންނަށް ފްލެޓްތައް ދައްކާލަންދިޔަ ދުވަހު ނޫސްވެރިންނަށްވެސް ވަނީ އެފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާތަން ފެނިފައި ކަމަށް ވެއެވެ. އެހެން ވިއްޔާ އެއޮތީ ހަމަ ރަނގަޅަށް އޮޅިވަޑައިގެންފައެވެ.

ރައީސް ޔާމީން ވިއްކެވި އަލަތުކައިވެނީގެ ފްލެޓްތަކުގެ ވާހަކަ އެއީ ރަނގަޅު ވާހަކައެއް ކަމަށް މިހާރު ނިންމަން ޖެހިއްޖެއެވެ. އެބުނާ އެއްކޮޓަރީގެ އަލަތު ކައިވެނީގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދަނިކޮށް މިނިސްޓަރ އަސްލަމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑީޔާގައި އެމަނިކުފާނު އެވަނީ ގާތްގަނޑަކަށް "ހޫނުފެނަށް" ވެއްޓިވަޑައިގެންފައެވެ. ބައެއް ބޭފުޅުން ފާޅުކޮށްފައިވާ ޝުޢޫރުތަކަށް ބަލާއިރު މިނިސްޓަރ އަސްލަމް އެހެން ވިދާޅުވީ އެގިހުންނަވައިގެން ހަގީގަތް ފޮރުވުމަށެވެ.

މިކަމާއި ގުޅީގެން ސޯޝަލް މީޑީޔާގެ އިތުރުން ސިޔާސީ ބޭފުޅުން، ޚާއްސަކޮށް އިދިކޮޅަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުންދަނީ މިކަން ވަރަށް ބޮޑަށް ކުއްވެރިކޮށް ރައްދު ދެއްވަމުންނެވެ. އެގޮތުން މިސަރުކާރަކީ ވަރަށްގިނަ ކަންކަން "އޮޅޭ" އަދި ހަދާންނެތޭ ސަރުކާރެއްކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. އޮޅިވަޑައިގެން ފިއްޔާ އެއީދެން މާބޮޑު މައްސަލައެއް ނޫނެވެ. އިތުރުފުޅަކަށް ވެއްޖެއްޔާ ދެން ވަރަށް ވެސް "ކަޑަ" އެވެ.

މިމައްސަލާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގައި ކެޓަގަރީތަކަކަށް ބަހާލައިގެން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓުތައް ދޫކުރަން ޔާމީންގެ ސަރުކާރުން ނިންމާފައިވިޔަސް ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައި ވަނީ ހަމައެކަނި ދެ ކޮޓަރީގެ ފްލެޓުތައް ކަމަށެވެ. އެބުނާ އެއްކޮޓަރި ވުޖޫދުގައި ނުވެސް ނެތީއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ފްލެޓްތައް އަޅައިދިނުމުންވެސް އެތަންތަނުގެ ބޭނުން ކުރަން ރައްޔިތުންނަށް ލިބޭނެ ފުރުސަތު މިސަރުކާރުން ބަންދުކޮށްފައިވާކަމަށެވެ. އަދި އަލަތު ކައިވެންޏަށް ޚާއްސަކޮށް ފްލެޓްތަކެއް ޚާއްސަ ކޮށްފައިވާއިރު، އެކަން ކުރަން ހަވާލުވި މިނިސްޓަރަށް އެކަން އެނގިވަޑައި ނުގެންނެވުމަކީ ނުހަނު ހިތާމަ ކުރައްވާކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

"25 ބުރީގެ 16 ޓަވަރު ހުންނާނެ މިހާރު ނިމިފަ. 14 ބުރީގެ ގާތްގަޑަކަށް 12 ޓަވަރުގެ މަސައްކަތް 1350 ހައުސިން ޔުނިޓްއެއީ މިހާރު ކުރިއަށްދާނެ. ހަމައެއާއިއެކު ކުންފުނިތަކާއި ހަވާލުކޮށްގެން 14 ބުރީގެ 12 ޓަވަރުގެ މަސައްކަތް ކުރިއަށްދާނެ. ޖުމްލަ 40 ޓަވަރު. މިމަސައްކަތުގެ ތެރެއިން ކުންފުނިތަކާއި ހަވަލުކުރެވުނު ފްލެޓްތަކުގެ ފުރަތަމަ 4 ބުރި އެއީ އެއްކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި، އަލަތު ކައިވެންޏަށް ޚާއްސަ ކުރެވިގެން ދިޔަ ދިއުން، މިހާރުވެސް ސަރުކާރުން އޮޅުވާލަމުން ގެންދާކަން އަޅުގަނޑު ފާހަގަކުރަން." ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭ ދެވަނަ ފޭސްއަކީ ރައީސް ޔާމީންގެ ވަރަށްބޮޑު ތަސައްވަރެއްކަމަށެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނުގެ މޭސްތިިރިކަމުގެ ދަށުން ފެށުނު ގިނަ މަސައްކަތްތަކެއް އެސިޓީގައި ހިނގަމުންދާކަމަށް ސަޢީދު ވިދާޅިވިއެވެ. ކޯޒްވޭގެ ބްރިޖްތަކާއި، މަގުހެދުމާއި، މަގުލައިޓް ޖެހުމާއި، ތޮށިގަނޑު ހެދުމާއި، ފޭސް 2 އަށް ކަރަންޓްދޭން މުޅިން އަލަށް އެންމެ ޒަމާނީ ފެންވަރުގައި ކަރަންޓް ދެވޭނެ ވަސީލަތްތައްވެސް ހަމަޖައްސާފައިވާކަމަށް އޭރުގެ އިކޮނަމިކް މިނިސްޓަރ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެދެއްވީ ވަރަށް ތަފުސީލު ހިސާބު ތަކާއިއެކުގައެވެ.

"240 ހެކްޓަރުގެ ބިން ވާނީ ހިއްކާފަ، 6 ކިލޯ މީޓަރުގެ ބޮޑު ހިލަ ޖަހާފަވާނެ، 4 މީޓަރު ތޮށި ސޭންޑްވޭޑް ޖަހާފަވާނެ، 50 މެގަވޯޓުގެ ކަރަންޓު އެންމެ ޒަމާނީ ފެންވަރަށް ގެނެވި ހުޅުވި މިހާރުވެސް އޮޕަރޭޝަންގަ. އަދި ނަރުދަމާޔާއި ފެނުގެ މަސައްކަތް ކުރިއަށްދާނެ. މަގުލައިޓްތައް ޖެހިފަ ހުންނާނީ ހަމަ މިއާއިއެކު ހުޅުމާލޭ ކޯޒްވޭއިން 6 ބްރިޖްގެ މަސައްކަތް ކުރިއަށްދާނެ." މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ސައީދު ވިދާޅުވި ގޮތްވެ. ހިސާބުންނާއި ކުރިއަށްދާނެ ކަމުގެ ޔަގީންކަމާއި އެކުގައެވެ.

އެކަމަކު ގައުމުގެ މިހާރުގެ އިންފްރާސްޓްރަކްޗަރ އަދި ހައުސިންގ މިނިސްޓަރަކަށް މިކަންކަން އެނގިވަޑައި ގަންނަވާ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނޫނީ ސަޢީދު އެހައްދަވަނީ އިތުރުފުޅެވެ. ނޫނީ ހިސާބު ނޫނީ މައުލޫމާތު ނަމަވެސް، ކޮންމެވެސް އެއްޗެއް ކޮންމެވެސް ހިސާބަކުން މިއޮތީ އޮޅިފައެވެ. ދެން ނިއުޅުވާން ނޭނގޭ މިންވަރަށެވެ.

ހިޔާ ފްލެޓްތަކާއި، ގުޅިގެން ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ޕްރެޝަރަކީ މިހާދުވަސް ވެގެންދާއިރުވެސް ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ގޮތެއް ހަދައި ނުދެވުމެވެ. ކިތަންމެ ޖާގަކުޑަ، މަންޒަރަށް ހުތުރުވިޔަސް އެތަން ބޭނުންވާ އެތައް ރައްޔިތުންނެއް ދަނީ ސޯޝަލް މީޑިޔާގައި އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެތަން ކޮންމެ ގޮތަކަށް ހުރިކަމުގައި ވީނަމަވެސް މިހާރު އުޅޭހާލަށްވުރެ ރަނގަޅު ހާލެއްގައި އެތަނުގައި އުޅެވޭނެކަމަށްބުނެ އަޑު އުފުލާމީހުންވެސް މަދެއްނޫންވެ.

ބައެއް މީހުން ބުނަނީ މިހާރު ނިދަނީ ވެސް ޑިއުޓީ ބަހައިގެން ކަމަށެވެ. ދެމަފިރިން ރޭކުރާން ވެއްޖެއްޔާ ދަނީ ކުލީ ކޮޓަރިއަކަށެވެ. ފާޚާނާއަށް ވަންނަނީ ވެސް ޑިއުޓީ ބަހައިގެންނެވެ. ފަތިހު ކިޔޫގައި ޖައްސައިގެން ނޫނީ ހުރިހާ ކުދިންނަށް ސްކޫލަކަށް ނުދެވެއެވެ. އަށެއް ޖަހާއިރަކު އޮފީހަކަށް ނުދެވެއެވެ. މިހާރު ނިދަނީ ނުވަ ފޫޓްވެސް ހަމަނުވާ ކޮޓަރިއެއްގައެވެ. ތިން ބަރިއަށް އެނދު ޖަހައިގެންނެވެ. 14 ފޫޓުގައި ޑެގްއަޅައިގެން އިސްކޮޅު ނުކާ ވަރުގެ މަތީ ޑެކް މައްޗަށް ނިދަން އަރަނީ ގުދަށް އޮވެގެންނެވެ. ދިހަ ފޫޓް ދިހަ ފޫޓް ކޮޓަރިއެއްގައި ހަޔާތުގައި ވެސް ނިދަން ނުލިބޭ ބަޔަކަށް ހިޔާ ކިތަރުކޮށިވެސް ރަނގަޅީއެވެ. މި ސަރުކާރުން ބޮޑުކޮށް ފްލެޓް އަޅާފައި ދިނީމާ އެތަންތަނަށް އަދި މާ އުފަލުން ދާނެއެވެ. އެހެންވީމާ ކޮންމެ ކަހަލަ ކޮށްޓަކަސް އެވެރިން އެތަން ބޭނުން ވަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން