ތިލަމާލެ ބްރިޖް އަޅާ ސަރަހައްދު
ތިލަމާލެ ބްރިޖް އަޅާ ސަރަހައްދު
ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖްގެ މަސައްކަތަށް ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ މާލެއާ ވިލިނގިއްޔާ ދެމެދު، ކަނޑުގެ ސަރަހައްދާއި ވިލިނގިލި ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތެވެ.

މި މަސައްކަތް ކުރިއަށް ގެންދާއިރު ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށާ އެހެން ކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން މި މަސައްކަތް ނިމެންދެން އެކަމަށް ސަމާލުކަން ދީގެން ދަތުރުތައް ކުރުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މިއަދުން ފެށިގެން މަސައްކަތް ނިމެންދެން އެސަރަހައްދަށް ޑައިވްކުރުމާއި މޫދަށްއެރިއުޅުމަކީ މަނާކަމެއް ކަމަށްވެސް އެމިނިސްޓްރީން ވަނީބުނެފައެވެ.

ތިލަމާލެ ބްރިޖުގެ އިންވެސްޓިގޭޝަން މަސައްކަތުގެ ތެރެއިން ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅާނެ އެވެ. އަދި އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނަށް ބޯ ހޯލް ތޮރުފާނެއެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ސާވޭގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށާއި މާލެއާއި ވިލިނގިއްޔާއި ގުޅިފަޅާއި ތިލަފުށީ ހިމެނޭ ގޮތަށް އިތުރު ބޯހޯލްތަކެއް ތޮރުފާނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.. މީގެއިތުރުން މާލެ ގުޅިފަޅު އަދި ތިލަފުށީގައި ލޭންޑް ސާވޭތަކެއް ކުރިއަށް ދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި ސާވޭގެ މަސައްކަތް ނިމޭނީ އަންނަ ޖުލައި މަހުގެ 7 ގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. އެއަށް ފަހު މި އަހަރު ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ވެސް ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން