ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ ބަޔަކާއެކު ކުރިއަށްދާން ރައްޔިތުން ވިސްނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަގޫދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މި ސަރުކާރު އައުމުގެ ކުރިން ފ. މަގޫދޫ އޮތް ޙާލަތާއި އަދި މި ސަރުކާރުން ފ. މަގޫދޫގައި ހިންގާފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފ. މަގޫދޫގައި މި ސަރުކާރުން އަދިވެސް ހިންގަވާނެ ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ މަގޫދޫގެ ރައްޔިތުންނާއި ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތެރޭގައި މަގޫދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނޭ ކަމަށެވެ. އަދި މަގޫދޫ ފަޅުގައި ރަށެއް ހިއްކައިގެން ރިޒޯޓު ހެދުމާއި ގުޅޭ ގޮތުން ބަޔަކާއި ވާހަކަދެކެވެމުން އަންނަކަމުގައިވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫ ތަރައްޤީވުމުގެ އެންމެ މުހިންމު ސަބަބަކީ މަގޫދޫ ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށެވެ. އަދި މަގޫދޫ ތަރައްޤީކުރުމުގައި ރައްޔިތުން ތިބެނީ އެއްބައެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ތަރައްޤީގެ ވައުދުތައް ފުއްދައިދޭ ބަޔަކާއެކު ކުރިއަށްދާން ރައްޔިތުން ވިސްނަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފ. މަގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކުރީ އަލްޓެކް މޯލްޑިވުސް ޕްރައިވެޓް ލިމިޓެޑާއެވެ. މަގޫދޫގައި ޤާއިމްކުރި މި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ޚިދުމަތް ދެވޭ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު.އޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ބަހައްޓައި، 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، 168 ގެއަށް ފެންގުޅައި ދީފައިވެއެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން ހަދައި 4.2 ކިލޯމީޓަރގެ ހޮޅިއަޅައި، 168 ގެއަކަށް ނަރުދަމާގެ ޚިދުމަތް ގުޅައިދީފައިވެއެވެ. މި މަޝްރޫޢަކީ ދިވެހިސަރުކާރުގެ ބަޖެޓުންނާއި، ގްރީން ފަންޑުން ޚަރަދު ކޮށްގެން ހިންގާފައިވާ މަޝްރޫޢެކެވެ.

ފ. މަގޫދޫ އިންޖީނުގޭގެ އޮފީސް ޢިމާރާތުގެ ގޮތުގައި މީގެ ކުރިން ވަކި ޢިމާރާތެއް ނުހުރެއެވެ. އަލަށް ހެދި އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވެއެވެ. ކުރިން އިންޖީނުގޭގެ އެތެރޭގައި އޮފީސް ހިންގަމުން އައިރު އެތަނުގައި ހުރީ 3 މުވައްޒަފުން މަސައްކަތް ކުރާނެ ޖާގައެވެ. އަލަށް ހެދި އިންޖީނުގޭގެ އޮފީސް ޢިމާރާތަކީ ޒަމާނީ އޮފީސް ޢިމާރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން