މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގެ ފުޑްކޯޓުގެ ކެފޭއެއް
މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގެ ފުޑްކޯޓުގެ ކެފޭއެއް
ގްރޭޓަރ މާލޭ ސަރަޙައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އަންގާފައި ނުވާނެކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެނައުމަށް އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައި ވެސް ނުވާނެކަމަށެވެ. އަދި އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ ޞިއްޙަތާއިބެހޭ ޓާސްކްފޯސްތަކުން، އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭޙަތްތެރި ވަމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން މިގޮތަށް ބުނެފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގެ އާންމު ތަންތަނަށް އެއްވެ އުޅުން އެސިޓީގެ ސިޓީ ކަމުންސިލުން މަނާ ކޮށްފައި ވަނިކޮށެވެ. އެގޮތުން އެ ސިޓީގެ ހުރިހާ ޕާކުތަކާއި ފިނިމައިޒާންތަކާއި، ޕިކްނިކް ސަރަހައްދުތަކާއި ސްވިމިން ޓްރެކާއި، ކުޅިވަރު މައިޒާންތަކާއި، ފުޓްބޯޅަ ދަނޑުތަކަށްވެސް މީހުން އެއްވެ އުޅުންވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ މަނާކޮށްފައެވެ. އަދި އާންމުކޮށް ތާސް ކުޅެން އެއްވެ އުޅޭތަންތަނާއި ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސްބޭނުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ކެމްޕޭން ޖަގަހަތަކުގައި ހިންގާ ހަރަކާތްތައް ހުއްޓާލުމާއި ކެފޭ ރެސްޓޯރަންޓް ތަކުން، އެތަންތަނުގެ އިމާރާތުން ބޭރުން މަގުމަތީގައި ހިދުމަތް ދިނުން ހުއްޓާލުމަށާއި ޞިއްޙީ ޚިދުމަތްދޭ ތަންތަން ފިޔަވައި އެހެނިހެން ޚިދުމަތްތައް ވަކި ވަގުތެއްގައި ބަންދުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން އެސިޓީގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް (ސޯބެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އެ ނިންމުމަކީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަޝްވަރާގެ މަތިން އައްޑޫ ކޯވިޑް-19 ޓާސްކްފޯސް އިން ނިންމައިގެން ނިންމި ނިންމުމެއް ކަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިއަދު މެންދުރުފަހު، ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާއި ބެހޭގޮތުން މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އެ އެންގުމުގެ ސައްހަކަމާ މެދު އެއްޗެއް ދަންނަވަން މިވަގުތު ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެކަމަކީ އެޗްޕީއޭއާ މަޝްވަރާ ކުރެވިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ.

އަދި އެޗްޕީއޭއިން އަންގަވައިގެން ނޫންގޮތަކަށް އެއްވެސް ނިންމުމެއް ކައުންސިލްތަކުން އަމިއްލައަށް ނުނިންމުމަށް އެލްޖީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން