މުޙައްމަދު ޔާސިރު މޫސާ   18 މޭ 2023 - 7:26
ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ސިޓީ އަތުން ލަދުވެތި ގޮތަކަށް ބަލިވެ, އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެޓީމުވީ އެއްވަރެވެ. ކޮންމެ ޓީމަކުންވެސް އެމެޗުގައި ލަނޑެއް ޖެހިއެވެ. އެހެންކަމުން މިރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ. މުބާރާތުގެ ތަށި 14 ފަހަރު ނަގާފައިވާ ރެއާލް ސިޓީ އަތުން މިރޭ ބަލިވީ 4-0 ންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ސިޓީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ލެގުގެ ނަތީޖާއާއެކު 4-1 ގެ އެގްރިގޭޓުންނެވެ.

މިރޭގެ މެޗުގައި ސިޓީން ފުރަތަމަ ހާފުގައި ދެލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ހާފުގެ ދެލަނޑުވެސް ޖަހައިދިނީ ބާނާޑޯ ސިލްވާއެވެ. ދެވަނަ ހާފުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ މެނުއަލް އަކަންޖީއެވެ. އެއީ ކެވިން ޑި ބްރައިން ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފަހު ވަގުތުގައި ސިޓީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހޫލިއަން އަލްވަރޭޒްއެވެ. ފިލް ފޮޑެން ދިން ތުރޫ ޕާސް ހަމަޖެހިލާފައި އަލްވަރޭޒް ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައިވެސް ރެއާލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިއެވެ. އެފަހަރު ރެއާލްއިން ތަށި ނެގީ ސެމީ ފައިނަލުގައި ސިޓީ ބަލިކުރުމަށްފަހު ފައިނަލުގައި ލިވަޕޫލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މިފަހަރުގެ ފައިނަލުގައި ސިޓީ ވާދަކުރަން ޖެހޭނީ އިންޓަރ މިލާނާއެވެ. އިންޓަރ މިލާން ފައިނަލަށް ދަތުރުކުރީ ވާދަވެރި އޭސީ މިލާން ބަލިކުރުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން