އެމްޑީޕީން ވަކިކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ އެކައުންޓް "އެމް.އެން އަންއޮފިޝަލް" އިން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީގެ އަސްލު ކެންޑިޑޭޓުން ކަޓުވާލައި އެހެން މީސް މީހުން ރައްޔިތުންގެ މަޖިލީހަށް ހޮވި މައްސަލަ ބަލަންޖެހޭ ކަމަށެވެ.

އަދި އެ މައްސަލަ ނުބަލައި، ފިޔަވަޅު އަޅާ ކޮމެޓީން މިހާރު އެބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ޞާލިޙް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ވަރަށް ވާދަވެރި ފޯރިގަދަ ކެމްޕޭނަކަށް ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ވާދަކުރަށްވައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ޕާޓީގެ އިސް ލީޑަރު ރައީސް، އިބްރާހިމް މުޙައްމަދު ސާލިޙެވެ. އޭގެފަހުން ރައީސް ނަޝީދު ގެންދަވަނީ ޕާޓީގެ އުސޫލުތަކަށް ގޮންޖައްސަވައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްތަކެއް ކުރަށްވަމުންނެވެ.

އެގޮތުން އެމްޑީޕީގެ ތެރޭގައި އެމަނިކުފާނު އުފައްދަވާފައިވާ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެންބަރުން ހިންގަވާ ޙަރަކާތްތައް އިތުރަށް ތަޙައްމަލް ނުކުރަށްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް އިއްޔެ ވިދާޅުވެފައިވެއެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ވަނީ އެމްޑީޕީގެ އުސޫލުތަކަށް ތަބާނުވާ މެންބަރުން ޕާޓީން ވަކިކޮށް މެންބަރުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ރިޔާސީ ޓިކެޓާއި ގުޅޭގޮތުން އުފެދިފައިވާ ތުންފިއްތުން މިހާރު އެހެން ހިސާބަކަށް ގޮސް ގަސްތުގައި ޕާޓީ ފުނޑު ފުނޑުކޮށްލަން ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލަށްވާނެކަމަށެވެ. އޭގެއިތުރުން އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

އަހުމަދު

21-May-2023

އެމްޑީޕީން ވަކިކުރަން ޖެހެނީ ނަޟީދު