ކުޅުދުއްފުށީ އެއަރޕޯޓްގައި ނައިޓް ލޭންޑިންގ ސިސްޓަމް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ކުޅުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 9 ވަނަ ދުވަހު އެވެ. ނަމަވެސް ރަންވޭގައި ނެވިގޭޝަން ލައިޓް ހަރުކޮށްފައި ނުވުމުގެ ސަބަބުން ރޭގަނޑު ދަތުރުތައް މިހާތަނަށް ފަށާފައެއް ނުވެއެވެ.

މި ސަރުކާރުން މިހާރު ވަނީ ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުކުރެވޭ ވަރަށް އެ އެއަރޕޯޓް ތަރައްޤީ ކޮށްފައެވެ. ރޭގަނޑު ދަތުރުތައް ފެށުމާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ވަނީ ބުނެފައެވެ.

ރޭ ދަންވަރު ޓެސްޓް ފްލައިޓް އެ އެއަރޕޯޓުގައި ޖައްސައިފައިވާއިރު އަންނަ ހަފްތާ ތެރޭގައި އެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކުޅުދުއްފުށި އެއަރޕޯޓާއެކު ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އަންނަ 6 އެއަރޕޯޓްގެ ތެރެއިން ހަތަރު އެއަރޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެވޭނެއެވެ. އެއީ ގދ.ފަރެސްމާތޮޑާއާއި ފުވައްމުލައް ސިޓީ، އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.

މީގެ އިތުރުން އެ ކުންފުނިން އަންނަނީ މިހާރުވެސް ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓްގައިވެސް ރޭގަނޑު ދަތުރުކުރެވޭގޮތަށް ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން