ރައީސް ޞާލިޙްގެ އިތުބާރުނެތްކަމަށް ސޮއިކުރާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ޕާޓީން ވަކިކުރާނެކަމުގެ އިންޒާރު ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހިމް ވަޙީދު ދެއްވައިފި އެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިދާރީގެ މަޤާމުގައިވެސް ހުންނެވި އިބުރޭ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް އަމަލު ނުކުރެވޭނެކަމަށެވެ. އެގޮތުން ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި ސޮއިކުރަށްވާ މެންބަރުން، ޕާޓީގެ އުސޫލު ހަމަޖެހިފައިިވާ ގޮތުގެ މަތީން ޕާޓީގެ ސުލޫކު ކޮމެޓީއަށް ހުށަހަޅައި އެމެމްބަރަކު ޕާޓީން ވަކި ކުރާނެކަމަށް ވަހީދު ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ ރައީސް ޞާލިޙަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށާއި އެމްޑީޕީއަށް ރައީސް ޞާލިހުގެ އިތުބާރު ނުގެއްލޭކަމަށެވެ. އަދި ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވުމަށް އިސްކޮށް އުޅުއްވާ އެމްޑީޕީގެ މެމްބަރުން އެކަން ހުއްޓާލެއްވުމަށް އިބުރޭ ވަނީ އިލްތިމާސްކުރަށްވާފައެވެ.

ފޯޅަވަހި މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުގެ ސޮޔާއެކު މިހާރުވަނީ މަޖިލީހަށް ވައްދާފައެވެ. އަދި ވަރަށް އަވަހަށް ރައީސް ޞާލިޙާއި ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

އެކަމާގުޅިގެން އެމްޑީޕީން ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓަރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް، އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ރައީސް މަގާމުން ވަކިކުރަންޖެހޭ ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމެއް ހުށަހެޅުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން