ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ނޭޕާލުގައި ތާށިވެފައި ތިބި 17 ދިވެހިން ގެނެވޭނީ އެ ގައުމުގެ ބޯޑަރު ހުޅުވުމުން ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ޝާހިދާއި ނޭޕާލުގެ ފޮރިން މިނިސްޓަރު ޕްރަދީޕް ގަވާލީއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު އާންމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލުގެ ވައިގެ ސަރަހައްދާއި ބޯޑަރުތައް ހުޅުވާލިހާ އަވަހަކަށް 17 ދިވެހިން ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން ޕްރަދީޕް ދެއްވި ކަމަށެވެ. އަދި އެ މީހުންނަށް ނޭޕާލުން ދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޝާހިދުގެ ޓްވީޓްގައިވެ އެވެ

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ދާއިރާގެ ފަންނީ މީހުންގެ ޢަދަދު އިތުރު ކުރުމަށްޓަކައި ސަރުކާރުން ދަނީ ރާއްޖެއިން ބޭރުގައި ތިބި ގިނަ ޢަދަދެއްގެ ދިވެހި ޑޮކްޓަރުންނާއި، ސިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ނޭޕާލުގައި ތިބި 17 ދިވެއްސަކު އެ ގައުމުން ބޭރުނުވެވި ތާށިވީ ފްލައިޓްތަކުގެ ދަތުރުތައް ހުއްޓާލުމާއި އޭގެފަހުން އެ ގައުމުގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށް، ކާފިއު އިއުލާން ކުރުމުންނެވެ. މިހާތަނަށް ސަރުކާރުން ވަނީ އެކި ގައުމުތަކުން 70 އަށް ވުރެ ގިނަ މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނެސްފައެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ނޭޕާލުގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފަ އެވެ. އަދި ޕާކިސްތާނުގައި ތިބި ހަ ދިވެއްސަކު ވެސް ދާދި ފަހުން ރާއްޖެ ގެނަ އެވެ. ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި މާދަމާއިން ފެށިގެން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެކަން ވެސް ސަރުކާރުން މިހާރުވަނީ އިޢުލާން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން