ނަރުހުންގެ ތަޢުލީމަށް އިންވެސްޓް ކުރުމަކީ ވިލާފައުންޑޭޝަނަށްލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށް ވިލާ ފައުންޑޭޝަންގެ ބާނީ އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.



‎ޤާސިމް އިބްރާހިމް މިމޭރުމުން ވިދާޅުވީ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހާ ނަރުހުންނަށާއި ނަރުހުންގެ ޢާއިލާތަކަށާއި، އެންމެހައި ސިއްހީ ޚިދުމަތްތެރިންނަށް އަރިސްކުރަށްވައި ފޮނުއްވި މެސެޖެއްގައެވެ.

ޤާސިމްގެ މެސެޖުގައި ވިދާޅުވެފައިވަނީ ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އަދި އެ ޚިދުމަތަކާ މެދު ހިތްތައް ޝުކުރުން ފުރޭ ޚިދުމަތެއް ކަމަށެވެ. އެގޮތުން އިންސާނާއަށް އެންމެ އެހީތެރިކަމާއި އަޅާލުން ބޭނުން ވާ ވަގުތަކީ އޭނާ ބަލިހާލަތުގައިވާ ވަގުތުކަމަށް ޤާސިމް ވިދާޅުވިއެވެ.

"އެހެންކަމުން ނަރުހުން ހިނިތުންވުމާއި ލޯތްބާއި އޯގާތެރިކަމާއެކު އަޅާލާ އަޅާލުމަކީ ބަލިމީހާގެ ތަކްލީފުތައް ދުރުވެ، الله ތަޢާލާގެ އިރާދަފުޅާއެކު ބަލިފަސޭހަވުމަށްޓަކައި އޮންނަ ވަރަށް އަވަސް މަގެކެވެ." ޤާސިމް ވިދާޅުވެފައިވެއެވެ.

‎ޤާސިމް ވިދާޅުވީ މިއަހަރުގެ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހާ ދިމާކޮށް، ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިންގ ކޯސް ހަދަމުންދާ ދަރިވަރުންނަށް، އަހަރަކު ތިން ސްކޮލަޝިޕް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ވިލާފައުންޑޭޝަން މެދުވެރިކޮށް ހަމަޖެހިގެން ދިއުމަކީ އުފާކުރަށްވާ ކަމެއްކަމަށެވެ.

އަދި މީގެތެރެއިން އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް އެއް ސްކޮލަޝިޕް ހަމަޖެހިގެން ދިއުމަކީ ނުހަނު އުފާކުރާ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އެހެނީ "އަހަރުމެންގެ ނަރުހުންނަކީ އަހުރުމެންގެ މުސްތަޤްބަލް" ކަމުގައިވުމަށްޓަކައި، ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާތީއެވެ." ޤާސިމް ވިދާޅުވިއެވެ.

ދިވެހި ނަރުހުންގެ ޖަމިއްޔާއިން ބުނީ، ވިލާ ފައުންޑޭޝަނާއި ނަރުހުންގެ ޖަމިއްޔާ ގުޅިގެން ކޮންމެ އަހަރަކުވެސް ނަރުސްކަން ކިޔަވަން ބޭނުންވާ ތިން ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ސްކީމް ރަސްމީކޮށް ފަށާފައިވަނީ މިއަދުއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ނަރުހުން ހިދުމަތް ދޭން ފެށީ މީގެ 75 އަހަރު ކުރިންނެވެ. އަދި ދިވެހި ނަރުހުންނާއެކު އެ ޚިދުމަތް ދެމުންގެންދާތާ މިހާރު ވަނީ 60 އަހަރު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން