ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ކޮމާންޑިންގ އޮފިސަރުގެ އިހުމާލެއް ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ސެކިއުރިޓީ ބްރީޗްވި މައްސަލައާ ގުޅިގެން، ޕްރެޒިޑެންޝަލް ގާޑްސް ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މާޗު މަހުގެ 21 ވަނަ ދުވަހު މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރި ކުރިކަމަށާއި ނަމަވެސް ސަސްޕެންޑް ކޮށްފައި ނުވާ ކަމަށެވެ.

އަދި އެއީ ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން މުވައްޒަފުން ވަޒީފާއިން ސަސްޕެންޑުކުރުމާ ބެހޭ މާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅެއް ނޫންކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އެންގެވުމަށް ކާނަލް އަބްދުﷲ އިބްރާހީމާއި ގުޅޭ މައްސަލަ ބަލަން އެމްއެންޑީއެފުން ކޮމިޓީއެއް އެކުލަވާލި އެވެ. އެމްއެންޑީއެފުން ބުނީ ޕްރެޒިޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުން އެކަހެރި ކުރުމަށްފަހު ކުރިއަށްގެންދިޔަ އިންކުއަރީން އޭނާގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.

"މިގޮތަށް ކޮމާންޑަރުން އަދާކުރައްވާ ޒިންމާއާއި މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އިންސާފުވެރިކަމާއެކު ހިންގުމަށެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

ސަސްޕެންޑު ކުރިއިރު ކާނަލް ރޭންކްގައި ހުންނެވި އަބްދުﷲ އިބްރާހީމް މިހާރުވަނީ ބްރިގޭޑިއާ ޖެނެރަލް ރޭންކަށް ޕްރޮމޯޓް ކޮށްފަ އެވެ.

އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނުމަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސް ދަތުރުފުޅު ކުރެއްވި މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކުރެއްވީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމާއި ގުޅިގެން ގާތްގަޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ޕީޕިއެމްގެ އޮފީސް ކައިރީގައި އޮތުމަށްފަހު ރައީސްގެ މޮޓޯކޭޑް ވަނީ ދަތުރުކުރަމުން ގެންދިޔަ ރޫޓް ބަދަލުކޮށްފައެވެ. އެކަމާގުޅިގެން ރައީސްގެ ސެކިއުރިޓީ ޔުނިޓް ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމާންޑަރު އަހުމަދު ހަލީމަށް ޙަވާލުކުރި ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން